ރޯމް (ޖަނަވަރީ 4) : 2012 ވަނަ އަހަރު ދުނިޔޭގައި ފަގީރުން އިތުރުވެ ހައިހޫނުކަން ތަޙައްމަލްކުރަންޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށް ދަނޑުވެރިކަމާއި ކާބޯތަކެއްޗާބެހޭ އދ. ގެ ޖަމްޢިއްޔާ އެފްއޭއޯ އިން ބުނެފި އެވެ.

އެޖަމްޢިއްޔާގެ ޑައިރެކްޓަރު ގްރަޓްސިޔާނޯ ޑިސިލްވާ ވިދާޅުވީ 2012 ވަނަ އަހަރަކީ ދުނިޔޭގެ ގިނަ ޤައުމުތަކެއްގެ އިޤްތިސާދު ބަލިކަށިވާނެ އަހަރަކަށްވާތީ ފަގީރުން އިތުރުވެ ހައިހޫނުކަން ތަޙައްމަލްކުރަންޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވިފައިވާ ކަމުގައެވެ.

ޑިސިލްވާ ވިދާޅުވީ އިޤްތިސާދު ބަލިވުމާއެކު ވަޒީފާނެތްމީހުންގެ ޢަދަދު އިތުރުވުމަކީ ފަގީރުކަމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައެވެ. އަދި އިޤްތިސާދީ މައްސަލަތަކުގެ ސަބަބުން ކާބޯތަކެތީގެ އަގުވެސް 2012 ވަނަ އަހަރު ހެޔޮވާނެކަމަށް ނުބެލެވޭ ކަމަށާއި ނަމަވެސް ބައެއް ބާވަތްތަކުގެ އަގު ކުޑަމިންވަރަކަށް ހެޔޮވެދާނެ ކަމުގައެވެ. މިއާއެކުވެސް 2007 ވަނަ އަހަރު ކާބޯތަކެއްޗަށް ކުރިމަތިވިފަދަ މައްސަލަތައް 2012 ވަނައަހަރު ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑުކަމަށް ޑިސިލްވާ ވިދާޅުވިއެވެ.

އެފްއޭއޯ ގެ ތަޖްރިބާކާރުން ބުނާގޮތުން އެޖަމާއަތުން ގެންދަނީ ހައިހޫނުކަން ތަޙައްމަލްކުރަންޖެހޭ މީހުންގެ ޢަދަދު ދުނިޔޭގައި އިތުރުވެގެންދާނެ ކަމަށް ބަލައި އެކަން ޙައްލުކުރުމަށް ޕްރޮގްރާމްތަކެއް ރާވަމުންނެވެ.
ހައިހޫނުކަން ތަޙައްމަލްކުރަންޖެހޭ މީހުން އިތުރުވެގެންދާނީ ސަބްސަހަރަން އެފްރިކާގެ ޤައުމުތަކުގައާއި އެފްރިކާގެ ދަޅުގެ ސަރަޙައްދުގެ ޤައުމުތަކުން ކަމަށްވެސް އެފް.އޭ.އޯ. ގެ ތަޖްރިބާކާރުން ލަފާކުރައްވައެވެ. -- ބީބީސީ