ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއަށް 22.8 މިލިއަން ޑޮލަރު ދެއްކުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އަމުރުކޮށްފި އެވެ.

ފިނޭންސްގެ 25 ބުރީގެ އިމާރާތް އެޅުމަށް 2016 ވަނަ އަހަރު އެ ކުންފުންޏާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީ މިހާރު ހުރި ސަރަހައްދުގައި އޮތް ހުސްބިމުގަ އެވެ. އެހެން ނަމަވެސް ފަހުން އެ މަޝްރޫއަށް ބަދަލު ގެނެސް، އެ އިމާރާތް ހުޅުމާލޭގައި ހަދަން ނިންމީ އެވެ.

ނަމަވެސް މި ސަރުކާރުން ހަވާލުވުމަށް ފަހު އެ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމައި، ކޮންޓްރެކްޓަރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

އޭއައިއޭސީއިން މި މަހުގެ ފަސް ވަނަ ދުވަހު ނިންމި ނިންމުމުގައި ބުނެފައި ވަނީ، އެ ޕްރޮޖެކްޓް ހުއްޓާލިއިރު ޑަބްލިއު.ޒެޑް.އާރުއިން އެހާތަނަށް ކޮށްފައިވާ މަސައްކަތްތަކަށް ފައިސާ ހޯދުމަށް 2018 ވަނަ އަހަރުގެ ތެރޭގައި އެޗްޑީސީއަށް ބިލްކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތް ކުރި ނަމަވެސް އެ ބިލަށް އެޗްޑީސީއިން ފައިސާ ދައްކާފައި ނުވާތީ، މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ، 22.82 މިލިއަން ޑޮލަރު އެޗްޑީސީއިން ހަތް ދުވަހުގެ ތެރޭގައި ޑަބްލިއު.ޒެޑް.އާރުއަށް ދައްކާ ހަލާސްކުރުމަށް ވެސް ނިންމުމުގައި ކަނޑައަޅާފައިވެ އެވެ.

ޖުމްލަ 123 މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓް މި ސަރުކާރުން ހުއްޓާލިއިރު، އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ޑަބްލިއު.ޒެޑް.އާރު ޕްރޮޕަޓީއިން ބުނެފައިވެ އެވެ.

ތަފްސީލް އަންނަނީ...