06 Jul 2020, 23:57
ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރޭގައި "އަންލިންކްޑް" ނުވަތަ އެއް ކޭސް އަނެއް ކޭސް އާ ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތު އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިން ޑރ. މުއާޒު މޫސާ ވިދާޅުވީ ވައިރަސް އަށް ޕޮޒިޓިވްޒް ވާއިރަށް އެންމެ ފުރަތަމަ ބަލަނީ އެ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ.
"އެންމެ ފުރަތަމަ ކޭސް އެއް ފެނިއްޖެއްޔާ އެމީހެއްގެ ކޮންޓެކްޓް ޓްރޭސިން މި ހަދަނީ. އެ ހެދިގެންދާއިރު ބަލަނީ އެމީހަކަށް ކިހާ ހިސާބަކުން ކޮންތާކުންތޯ އެ ބަލި ޖެހުނީ،" ޑރ. މުއާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަންތަކަށް ބަލާއިރު ކޮންޓެކްޓް ޓްރޭސިން ހަދައި ނިމޭއިރުވެސް ވައިރަސް ޖެހުނީ ކޮން ތަނަކުން ކިހިނެއް ކަމެއް ނޭނގޭ ކޭސްތައް މިހާރު އެބަ އިތުރުވަމުންދާ ކަމަށެވެ.
އާންމުގޮތެއްގައި އެފަދަ ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމުގައިވާނަމަ އޭގެ މާނައަކީ ކޮމިއުނިޓީ ތެރޭގައި ވައިރަސް ފެތުރެމުންދާ ވަރު އިތުރުވަނީ ކަމަށް ޑރ. މުއާޒު ވިދާޅުވިއެވެ.
"އެ ނިސްބަތުން އިތުރުވަމުންދަންޏާ ކަންބޮޑުވާން ޖެހޭނެ، ޖުމްލަ އަދަދު އިތުރުވާ މިންވަރު އެހާ މަތި ނޫން ނަމަވެސް ފަހުން ފެންނަން ފަށާނޭ އިތުރުވަމުންދާ ތަން،" އޭނާ ވިދާޅުވިއެވެ.
އެހެންކަމުން ވައިރަސް ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޭރަށް ނިކުންނައިރު ކޮންމެ މީހަކުވެސް ބަލި ހުރެ ދާނެ މީހަކަށް ބަލައި ރައްކާތެރިވުން މުހިއްމުކަމަށް ޑރ. މުއާޒު އިޝާރާތްކުރެއްވިއެވެ.