04 Jan 2012, 08:57
ޓްރިޕޮލީ (ޖަނަވަރީ 4): ލީބިޔާއާއެކު އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ކުރިޔަށްވުރެ ބަދަހިކޮށް އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ލީބިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ތޫނިސްގެ ރައީސް މުންސިފް އަލްމަރްޒޫޤީ އެދިވަޑައިގެންފި އެވެ.
ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ރައީސް މުސްތަފާ ޢަބްދުލް ޖަލީލާ ޓްރިޕޮލީގައި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އަލްމަރްޒޫޤީ ވިދާޅުވީ ދެޤައުމުގެ ދެމެދުގައި އިޤްތިސާދާއި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކުގެ ގުޅުންތައް ބަދަހިކުރުމުގެ ފުރްސަތު ވަރަށް ބޮޑަށް ފަހިވެފައިވާ ކަމުގައެވެ.
ދެޤައުމުގެ ސަރުކާރާއި ޕަބްލިކް އަދި ޕްރައިވެޓް ކުންފުނިތަކާއި ވިޔަފާރިވެރިންގެ އެހީގައި ދެޤައުމު ވަރަށް ރަނގަނޅަށް އާރާސްތުކުރުމުގެ ފުރްސަތު ފަހިވެފައިވާ ކަމަށް ލީބިޔާގެ އިންތިޤާލީ މަޖިލީހުގެ ވެރިޔާ މުސްތަފާ ޢަބްދުލްޖަލީލާއި ލީބިޔާގެ ބޮޑުވަޒީރު ޑރ. އަބްދުއްރަޙީމްއަލްކީބް ވެސް ވިދާޅުވިއެވެ. ލީބިޔާއާއި ސަރަޙައްދީ ރޮނގުން ގުޅިފައިވާ ތޫނިސްއަކީ މިވަގުތު ސިޔާސީ ގޮތުން އެއްޙާލަތެއްގައި އޮތް ދެޤައުމެވެ.
މިދެޤައުމަކީވެސް ކުރީގެ ޚުދުމުޚްތާރު ވެރިކަމުގެ ނިޒާމްތަކުން ދާދިފަހުން ސަލާމަތްވެ އައު ސަރުކާރުތަކެއް އުފެދިފައިވާ ދެޤައުމެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާއަކީ ތޫނިސްގެ ވިޔަފާރީގެ އެންމެބޮޑު ބައިވެރިޔާއެވެ. ތޫނިސްގައި އުފައްދާ ބާވަތްތައް އެންމެ ގިނައިން ގަންނަނީ ލީބިޔާއިންނެވެ. އަދި ތޫނިސްގެ ރައްޔިތުން ޤައުމުން ބޭރުގައި އެންމެގިނައިން ވަޒީފާ އަދާކުރަނީވެސް ލީބިޔާގައެވެ.
ދެޤައުމުގެ ކުރީގެ ވެރިކަމުގެ ނިޒާމްތައް ވެއްޓުނުއިރު ލީބިޔާއިން އަހަރެއްގެ މައްޗަށް އެއްބިލިޔަން އެމެރިކާ ޑޮލަރުގެ މުދަލާއި ތަކެތި ތޫނިސްއިން ގަނެއެވެ. އަދި ތޫނިސްގެ 2 ލައްކައަށްވުރެ ގިނަރައްޔިތުން ލީބިޔާގައި ވަޒީފާ އަދާކުރެއެވެ. ތޫނިސްއަށް ބޭނުންވާ ތެލާއި ތެލުގެ ބާވަތްތަކުގެ 90 ޕަސެންޓް އިންޕޯޓްކުރަނީ ލީބިޔާއިންނެވެ.
އަހަރަކު ދޮޅު މިލިޔަނަށްވުރެ ގިނަ ލީބިޔާގެ ޓޫރިސްޓުން ތޫނިސްއަށް ޒިޔާރަތްކުރުމުގެ ސަބަބުން ތޫނިސްގެ ޓޫރިޒަމް ސެކްޓަރަށް ވަރަށް ބޮޑު ފައިދާއެއް ލިބެއެވެ. ލީބިޔާގައި ވަޒީފާ އަދާކުރާ ތޫނިސްގެ 2 ލައްކައަށްވުރެ ގިނަމީހުން އެތަށް މިލިޔަން ޑޮަލަރެއް ނަގުދު ފައިސާގެ ގޮތުގައި ލީބިޔާއިން ތޫނިސްއަށް ފޮނުވަމުން ގެންދިޔުމުގެ ސަބަބުން ތޫނިސްއަށް އިޤްތިސާދީ ބޮޑުފައިދާއެއް ޙާސިލްވެގެންދެއެވެ. -- އަލްޖަޒީރާ