ތ. ތިމަރަފުށީގައި ރަނގަޅު ފެންވަރަކަށް ހަދާފައި ހުރި ގެއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެ ގެ އަނދާ ހުލިވެއްޖެ އެވެ.

މިރޭ 8:00 ޖަހާ އެހާކަންހާއިރު އަލިފާން ރޯވެ އެނދީ ދެ ބުރިއަށްވާ ގޮތަށް ރަށުގެ އުތުރުކޮޅުގައި ހަދާފައި ހުރި ތާއާގޭގަ އެވެ.

ތިމަރަފުށީ ރަށު ކައުންސިލްގެ ރައީސް ޖައުފަރު ނަޝީދު މިރޭ ވިދާޅުވީ މީހުން އުޅޭ ސަރަހައްދާއި އެކަހެރިކޮށް ހުރި ތާއާގޭގައި ރޯވި އަލިފާންގަޑު ފުލުހުންގެ އެހީތެރިކަމާ އެކު ނިންވާލީ އަލިފާން ރޯވިތާ ގަޑިއެއް ހާއިރު ފަހުން ކަމަށާއި އަލިފާންގަޑު ނިންވާލެވުނު އިރު ގޭގެ އެކި ތަންތަނުގައި ވަރަށް ބޮޑަށް ރެދު ލާފައިވާ ކަމަށެވެ.

"ހޫނުވެގެން ފާރުތަކުގައި ރެނދު އަޅައިގެން ހަމަ ކިރިޔަ ކިރިޔާ ނުވެއްޓި ހުރީ. ދެ ކޮޓަރިއާ ސިޓިން ރޫމާއި ބަދިގެ ވެސް ހަމަ ބޭނުން ނުކުރެވޭ ވަރަށް އަދާފައި ހުރީ، ހަމަ ކިރިޔަ ކިރިޔާ ހުރީ. އެންމެން އިޝާނަމާދަށް ތިއްބާ މިކަމެއް ވީ،" ޖައުފަރު ވިދާޅުވި އެވެ.

ރޯވި ގެއަކީ އަދި ކުއްޔަށް ދޫކުރާ ގެއެކެވެ. އަލިފާން ރޯވިއިރު އެގޭގައި ބަޔަކު ނޫޅެ އެވެ.
ޖައުފަރު ވިދާޅުވީ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާ އިރު އެގެއަށް ބަޔަކު ވަދެފައިވާ ކަމުގެ ނިޝާން ފެންނަން ހުރިކަމަށެވެ.
"ސިޓިން ރޫމް ދޮރާއި އެއްޗިހިވެސް ހަލާކުކޮށްލާފައި ހުރީ. ބޮޑަށް ބެލެވެނީ ބަޔަކު ވައްކަމެއް ކޮށްފައި ކުރި ކަމެއްހެން. އެކަމަކު އެކަން ބަލާނީ ފުލުހުން،" ޖައުފަރު ވިދާޅުވި އެވެ.
ތިމަރަފުށީގައި ތިބި ފުލުހުން މިހާރު އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.