ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހުންގެ ތެރެއިން ސައްހަ ލިޔެކިޔުން ނެތް މީހުންނާއި އެކި ސަބަބުތަކާ ހުރެ އެނބުރި ގައުމަށް ދާން ބޭނުން މީހުންގެ ތެރެއިން އިތުރު 200 މީހަކު މިއަދުވެސް ފުރުވާލައިފި އެވެ.

މި މީހުން ބަންގްލަދޭޝް އަށް ގެންދަނީ މޯލްޑިވިއަންގެ މަތިންދާ ބޯޓެއްގަ އެވެ.

ސަރުކާރާއި މޯލްޑިވިއަން އިން ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނުގެ ދަށުން ކޮންމެ ހަފްތާއަކު ދެފަހަރެއްގެ މަތިން ބަންގްލަދޭޝް މީހުން ގައުމަށް ގެންދިޔުމަށް ފްލައިޓުތައް ބާއްވަ އެވެ.

ސަރުކާރާއި މޯލްޑިވިއަން ގުޅިގެން، ހިންގާ މި އޮޕަރޭޝަނުގެ ދަށުން މިހައިތަނަށް ސައްހަ ލިޔެކިޔުން ނެތް 3000 އަށް ވުރެ ގިނަ މީހުން ވަނީ ފުރުވާލައިފަ އެވެ.

މޯލްޑިވިއަންގެ ރިޕެޓްރިއޭޝަން ފްލައިޓުތަކުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކު އަދި ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ވެސް ދެފަހަރެއްގެ މަތިން ވަނީ އެ ގައުމުގެ ރައްޔިތުން ފުރުވާލައިފަ އެވެ.

މީގެ ކުރިން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ސައްހަ ލިޔެކިޔުން ނެތި، 63،000 އެއްހައި ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭނެ އެވެ.

ސަރުކާރުން ބުނެފައިވަ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5،000 ބިދޭސިން އަނބުރާ ގައުމަށް ފޮނުވާލެވޭނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް ރައްޔިތުންނެވެ. މިހާތަނަށް ރާއްޖެއިން 2468 މީހުން ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ބަންގްލަދޭޝްގެ 81،27 މީހުން ހިމެނެ އެވެ. އަދި ބަލީގައި ރާއްޖެއިން މަރުވި 12 މީހުންގެ ތެރޭގައި ވެސް އެ ގައުމުގެ ހަތަރު މީހުން ހިމެނެ އެވެ.

ގިނަ އަދަދެއްގެ ބަންގްލަދޭޝް މީހުން އެނބުރި ގައުމަށް ފުރުވާލަމުންދާއިރު ބަންގްލަދޭޝް މަސައްކަތްތެރިންލައްވާ މަސައްކަތް ކުރުވުމަށްފަހު މުސާރަނުދޭ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންތަކެއް މުސާރައިގެ މައްސަލާގައި ހަމަނުޖެހުން ހިންގާފައިވާއިރު ހުޅުމާލޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް ވަނީ މުސާރަ މައްސަލާގައި މިއަދު މުޒާހަރާ ކޮށްފަ އެވެ.