ވިލާގެ ގޭސް ބަރު ކޮށްގެން ތިލަފުށިން މާލެއަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ. މި ހާދިސާ ހިނގި އިރު ދޯނީގައި ތިބި ހަތަރު މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބި ވަނީ ސަލާމަތްވެފަ އެވެ.

"ދުވެލި އެކެއް" ނަމަކަށް ކިޔާ ދޯންޏަށް ގަދައަށް ދިޔަވެ ފެތި، އަޑިއަށް ދިޔައީ ހަވީރު 5:13 އެހާ ކަންހާއިރު އެވެ.

ފުލުހުން ބުނީ ދޯނި އަޑިއަށް ދިޔައީ ތިލަފުށިން މާލެ އަންނިކޮށް ދިޔަވާތީ އަނބުރާ ތިލަފުއްޓަށް ދާން ދަތުރުކޮށް އެ ރަށުގެ އެސްޓީއޯ ސަރަހައްދާ ހަމައަށް އެރިތަނާ ކަމަށަވެ. އަދި ބުނީ ދޯނި އަޑިއަށް ދިޔަ ވަގުތު ދޯނީގައި 580 ގޭސް ފުޅި ހުރި ކަމަށާއި ފުޅިތައް ނެގުމުގެ މަސައްކަތް ކޯސްޓްގާޑާއި މެރިން ފުލުހުން މިހާރު ކުރަމުން ދާނަކަމަށެވެ.

ގޭސް ފުޅިތައް ނެގި ނަމަވެސް ދޯނި ފެންމަތިކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު ކަމަށާއި ދޯންޏަށް ލިބުނު ގެއްލުންތައް އެނގޭނީ ދޯނި ފެންމައްޗަށް ނެގުމަށް ފަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.