06 Jul 2020, 14:18
ކ. ކާށިދޫއިން ފުރައިގެން ދޮނަކުޅިއަށް ދަތުރުކުރަމުން ދިޔަ "ފަތޮޅު" ކިޔާ ބޯޓު އަޑިއަށް ގޮސް ކަނޑުވި މީހުން ސަލާމަތްކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ބޯޓު އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ފަސް މީހަކު ގެއްލިގެން ރިޕޯޓުކުރީ މިއަދު މެންދުރު 12:29 ހާއިރު ކަމަށެވެ.
ބޯޓު އަޑިއަށް ގޮސްފައި ވަނީ ކާށިދޫގެ އުތުރުން ނުވަ މޭލު ބޭރުންނެވެ. އެއީ ކާށިދޫ ކަނޑެވެ.
އާޒިމް ދެންމެ ވިދާޅުވީ، މެންދުރު 14:40 ހާއިރު ބޯޓުން ދަތުރުކުރި މީހުން ކަނޑުވެފައި ތިއްބާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗަށް ފެނިގެން މިހާރު ސަލާމަތްކޮށްފައިވާ ކަމަށެވެ.
އަދި މިހާރު އެމީހުން މާފިލާފުށްޓަށް ގެންދިއުމަށް ދަތުރު ފަށާފައިވާ ކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް އާޒިމް ވިދާޅުވިއެވެ. ކަނޑުވީ ހަތަރު ދިވެހީންނާއި ބިދޭސީއެކެވެ.
ކަނޑުވި މީހުން ހޯދަން ލޯންޗުގެ އިތުރުން ވައިގެ މަގުން ވެސް އެމްއެންޑީއެފް އިން ވަނީ ހަރަކާތްތެރިވެފައެވެ.
އާޒިމް ވިދާޅުވީ ބޯޓު އަޑިއަށް ދިޔައީ އިންޖީނު ހުއްޓިގެން ބޯޓު އެއް ފަރާތަކަށް އަރި އަޅާލައިގެން ކަމަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ކަނޑުވި މީހުން ފެނުނު ނަމަވެސް ބޯޓު އަޑިއަށް ދިޔަކަމަށް ބުނާ ސަރަހައްދުން ބޯޓުގެ އެއްވެސް ނިޝާނެއް އަދި ފެނިފައި ނުވާކަމަށް އާޒިމް ވިދާޅުވިއެވެ.