ދުނިޔޭގެ ފެންވަރުގައި ރާވައިގެން ހިންގާ ޖިނާއީ ކުށް ނުވަތަ ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް ހުއްޓުވުމުގެ ބޭނުމަށް އދ. އިން އެކުލަވައިލާފައިވާ މުއާހަދާ، ކޮންވެންޝަން އަގޭންސްޓް ޓްރާންސްނެޝަނަލް އޯގަނައިޒްޑް ކްރައިމް ގައި ރާއްޖެއިން ބައިވެރިވާން ސަރުކާރުން ނިންމައިފި އެވެ.

މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު އެވެ.

ޓްރާންސްނެޝަނަލް ކްރައިމްގެ ގޮތުގައި މުޢާހަދާއިން ކަނޑައަޅާފައިވާ ކުށްތަކުގެ ތެރޭގައި، ޓެރަރިޒަމާއި ޣައިރު ޤާނޫނީ މައިގްރޭޝަނާއި މަކަރާއި ޙީލަތާއި ކިޑްނެޕް ކުރުމާއި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތަކާއި މަނީ ލޯންޑްރިން އާއި ކޮރަޕްޝަން އަދި ހިއުމަން ޓްރެފިކިން ހިމެނެއެވެ.

މުޢާހަދާ ބުނާ ގޮތުން އެފަދަ ކުށެއް، ދިވެއްސަކު ކޮށްފިނަމަ، ނުވަތަ ބޭރު ފަރާތަކުން ރާއްޖޭގެ ސަރަޙައްދުގައި ހިންގައިފިނަމަ، ރާއްޖޭގެ ކަމާބެހޭ ކޯޓެއްގައި، އެ ކުށެއްގެ ދަޢުވާކުރެވޭ ގޮތަށް އޮންނަން ޖެހެ އެވެ. މިގޮތުން، މުޢާހަދާގައި ބަޔާންކޮށްފައިވާ ކުށްތަކާ ގުޅޭ މައްސަލަތަކުގައި، ކޯޓުގެ ޝަރުޢީ ބާރު ރާއްޖެއަށް ހިންގޭނެ އެވެ.

މި މުޢާހަދާގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން ކެބިނެޓަށް ކަރުދާހެއް ހުށަހެޅުއްވެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުންނެވެ. އދ. އިން މި މުއާހަދާއަށް ޢަމަލުކުރަން ފަށާފައިވަނީ، 2003 ވަނަ އަހަރު އެވެ.