އިންތިޚާބުތަކަށް ކެންޕޭން ކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ލިބޭ ފަދައިން ރައީސުލް ޖުމްހޫރިއްޔާ އަށް ވެސް ކެންޕޭންކުރުމުގެ ހައްގު ލިބިވަޑައިގަންނަވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާ އާއި އއ. މަތިވެރި ކައުންސިލްގެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް މިއަދު އިލެކްޝަންސް ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި އިލެކްޝަނާއި ގުޅޭ ޝަކުވާތައް ހުށަހަޅާފައި ވަނީ ހަމައެކަނި ޕީޕީއެމް އިން ކަމަށެވެ. ވިދާޅުވީ ޕީޕީއެމް އިން ހުށަހެޅި ޝަކުވާގައި ރައީސް ނަޝީދު ކެންޕެއިން ކުރައްވެވި ކަމަށް ބުނެފައިވާ ކަމަށާއި އެއީ މައްސަލައެއްކަމަށް ކޮމިޝަނުން ނުދެކޭ ކަމަށެވެ.

"ކޮންމެ ފަރާތަކުން ވެސް ހުއްދަކުރާ މުއްދަތުގެ ތެރޭގައި ކުރައްވާ ކެންޕޭނަކީ މައްސަލައެއް އުފެދޭނެ ކަމެއް ނޫން. ކެންޕޭން ކުރުމުގެ ހައްގު ހުރިހާ ދިވެހީންނަށް ވެސް ލިބިގެންވާފަދައިން ރައީސުލް ޖުމްހޫރިއްޔާއަށް ވެސް ލިބިވަޑައިގެންފައިވާ ހައްގެއް ކަމުގައި ކޮމިޝަނުން ދެކެނީ،" ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އިން ހުށަހެޅި ޝަކުވާގައި ރައީސް ނަޝީދު ދައުލަތުގެ ތަކެތި ބޭނުން ކޮށްގެން އިންތިޚާބުގައި ކެންޕޭން ކުރައްވާފައިވާ ކަމަށް ބުނެފައިވާ ކަމަށާއި، އެފަދަ މައްސަލަތަކަކީ ކޮމިޝަނުން ބެލޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި ވިދާޅުވީ ޕީޕީއެމް އިން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ އޭސީސީން ބަލާނެ ކަމަށެވެ.

ދެ ބައި އިލެކްޝަންގެ ރަސްމީ ނަތީޖާ މިއަދު އިއުލާން ކުރިއިރު ވަގުތީ ނަތީޖާ އާއި އެއްވެސް ތަފާތެއް ނެތެވެ.
ށ. އަތޮޅު ކައުންސިލްގެ މިލަންދޫ ދާއިރާއަށް ހޮވިފައިވަނީ އެ ކައުންސިލުން ވަކޮށްފައިވާ އެމްދީޕީ ދެ މެންބަރުން ކަމަށްވާ ށ. މިލަންދޫ، ޕާލްސް ފިރާގް އިބްރާހީމް އާއި އެރަށު ސީސައިޑް، އަބްދުﷲ އާތިފް އެވެ.
މަތިވެރި ކައުންސިލްގެ ޑީއާރުޕީ މެންބަރު އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ވެސް ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް މަތިވެރި، ނަދފުވާ، އިސްމާއިލް އަތިފް އެވެ.