ލިވަޕޫލް އިން ފްރާންސްގެ ލިލޭ އަށް ލޯނުގެ ދަށުން ދޫކުރި ޖޯ ކޯލްގެ ލޯނުގެ މުއްދަތު މިސީޒަން ނިމޭއިރަށް ހަމަވުމުން، ދާއިމީ ގޮތެއްގައި ލިލޭ ގައި މަޑުކުރަން ބޭނުންވާ ކަމަށް އޭނާ ބުނެފި އެވެ.

ހިލޭ ޓްރާންސްފާ އެއްގައި 2010 ވަނަ އަހަރުގެ ޖުލައި މަހު ޗެލްސީ އިން ލިވަޕޫލް އަށް ބަދަލުވުމަށް ފަހު، ކޯލްގެ ކުޅުން ދެއްކިފައެއް ނުވެއެވެ. އޭނާގެ ކުޅުން ދެން ފެނިގެންދިޔައީ މި ސީޒަންގައި ލިލޭ އިން ނެވެ. ފްރާންސް ލީގުގައި ލިލޭ އަށް ކާމިޔާބީ ހޯދައި ދިނުމުގައި ބޮޑު އެހީތެރިކަމެއް ކޯލް ފޯރުކޮށްދީފައި ވެއެވެ.

އުމުރުން 30 އަހަރުގެ ކޯލް ވަނީ ލިލޭ އާއެކު ފަނަރަ މެޗު ކުޅެ، ފްރާންސް ލީގުގެ ޗެމްޕިއަނުންނަށް ތިން ލަނޑު ކާމިޔާބު ކޮށްދީފަ އެވެ. ލިލޭގައި ކޯލް ހުރީ އުފަލުގައި ކަމަށާއި ސީޒަން ނިމުމުން ދާއިމީ ގޮތެއްގައި ފްރާންސްގައި އާއިލާ އާއެކު މަޑުކުރަން ބޭނުންކަމަށް އޭނާ ބުނެފައި ވެއެވެ.

"ލިލޭގައި ހަގީގަތުގަވެސް މިހިރީ ވަރަށް އުފަލާއެކު. މިގޮތަށް ކަންތައްތައް ކުރިއަށް ދަންޏާ، މިގޮތުގައި ލިލޭގައި މަޑުކުރަން ބޭނުން. މިތަނުގެ ކަންތައްތައް ދުވަހަކަށް ވުރެ ދުވަހެއް ދަނީ ރަނގަޅުވަމުން." ކޯލް ބުންޏެވެ.

ޔޫރަޕްގެ ބޮޑެތި ކުލަބުތަކަކުން ހޯދުމަށް މަސައްކަތް ކުރާ ލިލޭގެ ފޯވާޑް އެޑެން ހެޒާޑް އަށް ނަސޭހަތްތެރިވެ ކުލަބުގައި މަޑުކުރުމަށް ކޯލް ގޮވާލާފައި ވެއެވެ.

"ހެޒާޑަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވީހާ ވެސް ގިނަ ދުވަހަކު މިކުލަބުގައި މަޑުކުރުން. އޭނާ ކުޅެމުންދަނީ ރަނގަޅު ކުލަބަކަށް. ގިނަ ކާމިޔާބީތަކެއް ހޯދާ ކުލަބަކަށް. އެހެން ކުލަބަކާއި ގުޅުމަށް އަދި ވަގުތު އެބައޮތް. ކުލަބުގެ ސަޕޯޓަރުންނާއި ކުޅުންތެރިން ވެސް އޭނާ ދެކެ ލޯބިވޭ. އެހެންވީމަ އަހަރެމެން ބޭނުންވަނީ އޭނާ ކުލަބުގައި ބަހައްޓަން." ކޯލް ބުންޏެވެ.