މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ މަޝްރޫއުގެ" ފްލެޓްތައް ލިބޭ ފަރާތްތައް ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މިއަދު އެ މިިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ ހިޔާ މަޝްރޫއިން ފްލެޓް ދީފައިވާ ގޮތް ބެލުމަށް ރައީސް އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަނުން މިހާތަނަށް 21،000 ފޯމް މިހާތަނަށް ވެރިފައިކޮށްފައިވާ އިރު އަދި 3،340 އެޕްލިކޭޝަން ވެރިފައިނުކުރެވިވާ ކަމަށެވެ.

ދިރިއުޅުމުގެ ފެންވަރު ބެލުމަށް ވެސް އެ ކޮމިޓީއިން ނިންމާފައިވާ އިރު މިނިސްޓަރު ވިދާޅުވީ 60 ޕަސެންޓް ގޭގެއަށް ޒިޔާރަތްކޮށް އަދި ދިރިއުޅުމުގެ ފެންވަރު ބެލިފައި ނުވާ ކަމަށެވެ. އަދި އެކަން މަޑު ޖެހިފައި އޮތީ، ކޮވިޑް-19ގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ މަސައްކަތް އަލުން ފަށާ، ޖުލައި މަސް ނިމޭ ހިސާބުގައި ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރަން ފެށޭނެ ކަމަށް ފްލެޓް ކޮމިޓީއިން ލަފާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކެޓަގަރީތައް ނިމޭ ވަރަކަށް ފްލެޓް ލިބޭ ފަރާތްތައް އެ ނިމޭ ކެޓަގަރީތައް ޖުލައި މަހުގެ ނިމޭ ހިސާބުން އިއުލާން ކުރަން ފެށޭނެ ކަމަށް ކޮމިޓީއިން ވިދާޅުވަނީ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް ފްލެޓް ލިބޭ މީހުން އިއުލާން ކުރެވޭނެ ކަމަށް އެ ކޮމިޓީން އަޅުގަނޑަށް އަންގާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން މިހާރު ހަދާ ނިމިފައި ވަނީ 6720 ފްލެޓް އެވެ.