03 Jan 2012, 17:09
ލިވަޕޫލާއި އެވަޓަން ކުރީގެ ޑިފެންޑަރު ގޭރީ އަބްލެޓް ކެންސަރާއި ހަނގުރާމަ ކުރަމުން ދަނިކޮށް އުމުރުން 46 އަހަރުގައި މަރުވެއްޖެ އެވެ. ލީގް މެނޭޖާސް އެސޯސިއޭޝަން (އެލްއެމްއޭ) އިން ވަނީ އެބްލެޓްގެ މަރު ޔަގީންކޮށްދީފަ އެވެ.
އަބްލެޓް އަކީ ކުޅުންތެރިއެއްގެ އިތުރުން ކޯޗެއްގެ ދައުރު ވެސް އަދާކުރި ހީވާގި މީހެކެވެ. އެގޮތުން އަބްލެޓް ވަނީ 2009-10 ގެ ސީޒަނުގައި ސްޓޮކްޕޯޓްގެ ކޯޗުކަން އަދާކޮށްފަ އެވެ. އަބްލެޓް މަރުވީ ނޮން- ހޮޑްކިންސް ލިމްފޯމާ ކެންސަރާއި ސޯޅަ މަސްދުވަހު ހަނގުރާމަ ކުރުމަށް ފަހު އެވެ.
"ގޭރީ އަބްލެޓްގެ އާއިލާގެ ފަރާތުން އަބްލެޓްގެ މަރު އެލްއެމްއޭ އިން ކަށަވަރު ކޮށްދެން. މަރުވީ ނޮން-ހޮޑްކިންސް ލިމްފޯމާ ކެންސަރާއި ސޯޅަ މަސް ދުވަހު ހަނގުރާމަ ކުރަމުން ދަނިކޮށް. ކުޅުންތެރިންނާއި، ކޯޗުން ނުހަނު އިޚްތިރާމްކުރާ އަބްލެޓްގެ މަރާއި ގުޅިގެން ހިތާމަކުރާނެ. މިދަނޑިވަޅުގައި އެލްއެމްއޭ އިން އަބްލެޓްގެ އަންހެނުން ޖެކުއެލިން އާއި ދަރިންނަށް ތަޢުޒިޔާ ރައްދުކުރަން." އެލްއެމްއޭ އިން ނެރުނު ބަޔާނެއްގައި ވެއެވެ.