06 Jul 2020, 09:09
ކޮވިޑް19 ޖެހިގެން ފަރުވާދެމުން ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި 12 ވަނަ މީހާއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަލީގައި މަރުވެފައި ވަނީ 80 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އޭނާ މަރުވީ ކޮވިޑް-19 ބަލީގައި ހާލު ސީރިއަސްވެ، ދަރުމަވަންތަ އިމާރާތުގެ ޑީއެޗް-11 ގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް މިއަދު ފަތިހު 04:35 ހާއިރުއެވެ.
މިހާތަނަށް މި ބަލި ޖެހިގެން ރާއްޖެއިން 12 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަ ދިވެހީންނާއި، ބަންގްލަދޭޝްގެ ފަސް މީހަކާއި ފިލިޕީންސްގެ މީހެކެވެ.
މިހާތަނަށް މުޅި ރާއްޖެއިން 2،468 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު، 2،049 މީހަކު ވަނީ މި ބަލިން ރަނގަޅުވެފަ އެވެ. އެކްޓިވް ކޭސްތަކުގެ ގޮތުގައި އުޅެނީ 403 ކޭހެކެވެ.
މި ބަލި ޖެހިފައިވާ 33 މީހަކު އިއްޔެ ވެސް ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ދިވެހިންނާއި ބަންގްލަދޭޝްގެ 18 މީހަކާއި އިންޑިއާގެ ތިން މީހެކެވެ.