ކާއިނާތުގައި މިހާރު އެކުލެވޭ ބްލެކް ހޯލެއް ވަރަށް ބޮޑަށް ބޮޑުވަމުންދާ ކަމަށާއި އޭގެ މާސް މިހާރު ވެސް އިރުގެ މާސްއަށް ވުރެ 34 ބިލިއަން ގުނަ އިތުރުކަމަށް އަލަށް ހެދި ދިރާސާއަކުން ހާމަވެއްޖެ އެވެ.

ބްލެކް ހޯލް އުފެދެނީ ކާއިނާތުގައި އެކުލެވޭ ވަރަށް ބައިވަރު ތަރިތައް އެ ތަރިތަކުގެ ލައިފް ސައިކަލް ނިމުމުން "ކޮލެޕްސް" ވުމުންނެވެ. އަދި ބްލެކް ހޯލްއެއް އުފެދުމަށް ފަހު އެ ބްލެކް ހޯލް ވަށައިގެންވާ ސަރަހައްދުން މާސް އެބްޒޯބްކޮށްގެން އެތަން ބޮޑުވެ އެވެ.

އެ ބްލެކް ހޯލް އެންމެ ފުރަތަމަ ފެނިފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.

ޖޭ-2157ގެ ނަމުން ނަންދީފައިވާ އެ ބްލެކްހޯލްއަށް 12 ބިލިއަން ލައިޓް އަހަރު ވެދާނެކަމަށް ވަނީ ބެލެވިފަ އެވެ. އަދި އެހާ ބޮޑު ބްލެކް ހޯލްއެއް ކާއިނާތު އުފެދުނު ދުވަސްވަރު އުފެދުނު ގޮތާ މެދު ސައިންސްވެރިން ދަނީ ދިރާސާ ކުރަމުންނެވެ.

އޮސްޓްރޭލިއަން ނެޝަނަލް ޔުނިވާސިޓީގެ ރިސާޗް ސްކޫލް އޮފް އެސްޓްރޮނޮމީ އެންޑް އެސްޓްރޯ ފިޒިކްސް ލީޑިން ރިސާޗަރު ކްރިސްޓޮފާ އޮންކެން ވިދާޅުވީ ކާއިނާތުގެ އެންމެ އިހުގެ ދުވަސްވަރާ ގުޅޭ މިހާ ބޮޑު ބްލެކް ހޯލްއެއް ފެނިފައިނުވާ ކަމަށެވެ.

އެ ބްލެކް ހޯލްއާ އަޅާބަލާ އިރު ކުރިން ފެނިފައިވާ "ސުޕަބިގް ބެލެކްހޯލް" ސަޖިޓޭރިއަސް އޭއަކީވެސް ކުޑަކުޑަ ބްލެކްހޯލްއެކެެވެ.

ޖޭ-2157 ބްލެކް އެންމެ ފުރަތަމަ ފެނުނީ އޭގެން އަޅަމުންދިޔަ ވަރުގަދަ އަލްޓްރާވައިލެޓް ދަޅަތަކުންނެވެ.

އޮސްޓްރޭލިއަން ނެޝެނަލް ޔުނިވާސިޓީގެ ޕްރޮފެސަރު ކްރިސްޓިއަން ވޮލްފް ވިދާޅުވީ އެ ބްލެކް ހޯލްއިން ގިނަ އަދަދެއްގެ ގޭސް "ސަކް" ކުރަމުންދާ ކަމަށާއި އޭގެން އުފެދޭ ހޫނާއި ފްރިކްޝަންގެ ސަބަބުން މުޅި ގެލެކްސީއަށް ވުރެ އެ ބްލެކްހޯލްއިން އަޅާ ދަޅަ މާބޮޑުކަމަށެވެ. --ސީއެންއެން--