ބާސެލޯނާގެ ސްޕެއިން ދެ މިޑްފީލްޑަރުން ކަމަށްވާ އަންދުރޭސް އިނިއެސްޓާ އަދި ޒަވީ އާއި ބެޔާން މިއުނިކްގެ ޖަރުމަން މިޑްފީލްޑަރު ބަސްޓިއަން ޝުވެންސްޓެއިގާގެ ކުޅުން މުޅިން ތަފާތުވާނެ ކަމަށް އޭނާ ބުނެފި އެވެ.

ޝުވެންސްޓެއިގާ އަކީ ތަފާތު ކުޅުންތެރިއެއް ކަމަށް އޭނާ ބުނެފައިވަނީ، ޝުވެންސްޓެއިގާ އަކީ ޒަވީ އާއި އިނިއެސްޓާ އާއި އެއްގޮތް ކުޅުމެއް ގެންގުޅޭ ކުޅުންތެރިއެއް ކަމަށް ބެޔާން ގެ ކޯޗު ޖޫޕް ހޭންކެސް ބުނަމުން ދަނިކޮށެވެ.

"ޒަވީ އާއި އިނިއެސްޓާ އަކީ ވަރަށް މޮޅު ދެކުޅުންތެރިން. އެކަމާއި މެދު އެއްވެސް ސުވާލެއް ނުއުފެދޭނެ. ނަމަވެސް އަހަރެންނަކީ އެދެކުޅުންތެރިންނާއި މުޅިން ތަފާތު ކުޅުންތެރިއެއް. ހާއްސަކޮށް ފިޒިކަލީ ގޮތުން. މަތިން އަންނަ ބޯޅަތައް ވެސް އަހަރެން ވަރަށް ގިނައިން ހޯދަން. އަހަރެންނަށް އެނގޭ ކޯޗު ހޭންކެސް އެބުނަން އުޅޭ އެއްޗެއް." ޝުވެންސްޓެއިގާ ބުންޏެވެ.

މިދިޔަ އަހަރުގެ ފަހު ދެމަހު ޝުވެންސްޓެއިގާ ހުރީ އަނިޔާގަ އެވެ. ޝުވެންސްޓެއިގާ ގެ ކޮޑަށް ލިބުނު އަނިޔާ އަށް ފަހު މިމަހު ވިހި ވަނަ ދުވަހު ބޮރޫސިއާ މޮންޗެންގްލަދްބަޗް އާއި ދެކޮޅަށް ކުޅޭ މެޗުގައި ފެނިގެން ދިއުމަކީ ވަރަށް ކައިރި ކަމެކެވެ.