05 Jul 2020, 21:18
ފުލުހުންނަށް ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގައި ހުންނަވަން ބޭނުންފުޅުވެވަޑައިނުގަންނަވާ ކަމަށާއި، ބޭނުންފުޅުވަނީ ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، ނަޒާހަތްތެރި، ޕްރޮފެޝަނަލް މުއައްސަސާއަކަށް ހައްދަވަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ވަނީ ދިވެހި ފުލުހުންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮވިޑް19 އާ ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިިވާ މަސައްކަތާއި މިހާރުވެސް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ހުރިހާ ދިވެހި ރައްޔިތުންގެ ނަމުގައި ހުރިހާ ފުލުހުންނަށް ޝުކުރުއަދާކުރައްވައިފައެވެ.
ރައީސް ވިދާޅުވީ ކޮވިޑް19 އާ ދެކޮޅަށް، އާއިލާތަކާ ދުރުގައި ފުލުހުން ފުރާނަ އަތްމައްޗަށް ލައިގެން ކުރި މަސައްކަތަކީ އަގު ކުރެވޭނެ މަސައްކަތެއް ނޫން ކަމަށެވެ.
ފުލުހުންނަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އެންމެ މުހިންމު ރޯލު އަދާކުރާ، އަދި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސަސާއަށް ވުމުން، ގައުމުގައި ހުރި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި ފުލުހުންގެ ދައުރު ބޮޑުވެފައި މުހިންމު ކަމަށެވެ.
އަދި ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމާ ހަވާލުވެ ތިބީ ވަރަށް މުހިންމު ވައުދުތަކަކާއެކު ކަމަށާއި، އޭގެތެރެއިންވެސް އެންމެ މުހިންމު ކަމަކީ، ރައްޔިތުންނަށް އަދުލު އިންސާފު ހޯދައިދީ، މުޖުތަމައުގައި ހަމަޖެހުމާއި އަމާންކަން ގާއިމުކޮށްދީ، އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މި މުހިންމު ވައުދުތައް ފުއްދުމުގައި، ދިވެހި ފުލުހުން އަދާކުރަންޖެހޭ ދައުރު ވަރަށް ބޮޑު،" ރައީސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޝިއާރަކީ ހިމާޔަތްކުރުމާ ހިދުމަތް ކުރުން ކަމަށްވާއިރު، އެ ޝިއާރުގެ މަތީގައި ފުލުހުން ދެމިތިބިކަން، އަމަލީގޮތުން ސާބިތުކޮށްދެމުން އަންނަ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮވިޑާ ގުޅިގެން ކުރެވުނު ހުރިހާ ބާވަތެއްގެ މަސައްކަތެއްގައި ވެސް ފުލުހުން ބައިވެރިވެފައިވާކަމަށާއި މި ނުރައްކާތެރި ހާލަތުގައި ވެސް ދިވެހި ފުލުހުން އެމީހުންގެ ގައުމީ ވާޖިބު ވަރަށް ފުރިހަމައަށް އަދާކޮށްފައިވާ ކަމަށެވެ.
"ތިބޭފުޅުންގެ ޝިއާރަކީ ހިމާޔަތްކުރުމާ ހިދުމަތް ކުރުން. އަމަލީގޮތުން ތިޔަބޭފުޅުން ސާބިތުކޮށްދެއްވަމުން ތިޔަ ގެންދެވީ އެ ޝިއާރުގެ މަތީގައި ދިވެހި ފުލުހުން ދެމި ތިބިކަން،" ރައީސް ވިދާޅުވިއެވެ.
އެހެން ނަމަވެސް އެކަން އެންމެ ފުރިހަމަ ގޮތުގައި ދެމެހެއްޓޭނީ ދިވެހި ފުލުހުންނަކީ ތައުލީމާ ތަމްރީނު ލިބިފައިވާ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައި ހަރަކާތްތެރިވާ މުއައްސަސާއެއްގެ ގޮތުގައި ދެމިތިބެގެން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އަދި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުކުރުމަށްޓަކައި، ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އަދި ފުލުހުންނަށާއި ތަންފީޒީ އިދާރާތަކަށް ބޭނުންވާ ވަސީލަތްތަކާއި ތައުއލީމާއި ތަމްރީނުވެސް އިތުރަށް ހޯދައިދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެފަދައިން ފުލުހުންގެ ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށްވެސް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވަނީ ފާޑުކިޔާ މީހެއްގެ ގޮތުގައި ހުންނާކަށް ނޫން. އަޅުގަނޑުގެ ބޭނުމަކީ، ދިވެހި ފުލުހުންނަކީ ރައްޔިތުން މިހާރަށްވުރެވެސް ބޮޑަށް އިތުބާރުކުރާ، އަދި ތިޔަ ފުލުހުންވެސް އެތަނަކާމެދު ފަހުރުވެރިވާ، ނަޒާހަތްތެރި ޕްރޮފެޝަނަލް މުއައްސަސާއަކަށް، ދިވެހި ފުލުހުންގެ ހިދުމަތް ހެދުން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަނެއް ކުރިއަރައި ތަރައްގީވުމަކީ، ބަދަލުވަމުންދާ ޒަމާނުގެ ފިޔަވަޅު މަތީގައި، ކުރިމަގުގެ ރާސްތާއަށް އަމާޒު ހިފައި، ދަތުރު ފައްސިޔަ ކުރުން ކަމަށެވެ. އަދި އެކަން ކުރާނީ ފުލުހުންގެ ތެރޭގައި ތިއްބެވި، މިފަންނުގެ އިލްމީ ތަޖުރިބާކާރު ބޭފުޅުންގެ ލަފަޔާއި މަޝްވަރާގެ މަތިން ކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހި ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ވަނީ މީގެކުރިން ވެސް ފުލުހުންގެ ދިފާއުގައި ވާހަކަފުޅުދައްކަވައިފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ މެމްބަރުން އަންނަނީ މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް ބަހުސްކުރައްވަމުން، ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
މެމްބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާ ރީފޯމް ކުރެވޭނެ ކަމަށާއި، އެކަން ކުރަން ފުލުހުންނަށް ހަޖޫޖަހަން ނުޖެހޭ ކަމަށެވެ.
އެ ފާޑުކިޔުންތަކާ ގުޅިގެން ރައީސް ސޯލިހު މީގެކުރިން ވިދާޅުވެފައި ވަނީ ކޮންމެ ބައެއްގެ ތެރޭގައި ވެސް ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.
"އެހެން ނަމަވެސް ވަކި ފަރުދަކު ނުވަތަ ވަކި ބަޔަކު ކޮށްފައިވާ ކަމެއްގެ ސަބަބުން މުޅި މުއައްސަސާގެ އަގު ވެއްޓޭގޮތަށް، މުޅި މުއައްސަސާއަށް ނިސްބަތްކޮށް ވާހަކަދެއްކުމަކީ އަޅުގަނޑު ދެކޭގޮތުގައި އިސްލާހުކުރުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ނޫން. އޭގެ ސަބަބުން އުފެދޭނީ ފިތުނައާއި ނަފުރަތާ ބައިބައިވުން،" ރައީސް ވިދާޅުވެފައިވެއެވެ.