އިސްލާމް އާބާދު (ޖަނަވަރީ 3) : ނިއުކްލިޔަރ ހަތިޔާރާއި ނިއުކްލިޔަރ މަރުކަޒުތަކާއި ފެސިލިޓީސްތަކާބެހޭ މަޢްލޫމާތު ބަދަލުކުރުމަށްޓަކައި އިންޑިޔާއާއި ޕާކިސްތާނުގެ މަސްއޫލުވެރިން އިސްލާމް އާބާދުގައި ބޭއްވި މަޝްވަރާތައް ނިންމާލައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެޤައުމުގެ މަސްއޫލުވެރިން މަޝްވަރާ ކުރެއްވީ ނިއުކްލިޔަރ ސަލާމަތާބެހޭގޮތުން 1988 ވަނައަހަރު ދެޤައުމުން ސޮއިކޮށްފައިވާ މުޢާހަދާ އަލުން އައުކުރުމާބެހޭގޮތުން ކަމަށް ޕާކިސްތާނުގެ ޚާރިޖިއްޔާއިން ބުނެއެވެ.
މިމުޢާހަދާ ބުނާގޮތުން ދެޤައުމުންކުރެ ކޮންމެޤައުމަކުންވެސް އެޤައުމެއްގެ ނިއުކްލިޔަރ ހަތިޔާރާއި ނިއުކްލިޔަރ މަރުކަޒުތަކާއި ފެސިލިޓީސްތައް ހުންނަ ތަންތަނާއި އެތަންތަނުގެ އެންމެފަހުގެ މަޢްލޫމާތާއި މިކަމާބެހޭ ލިސްޓްތައް އައުކުރުމަށްފަހު ކޮންމެ މީލާދީ އަހަރެއްގެ ޖަނަވަރީ މަހުގެ އެއްވަނަދުވަހު އަނެއް ޤައުމަށް ފޯރުކޮށްދޭންވާނެއެވެ. މި މުޢާހަދާގައިވާގޮތުން ދެޤައުމުންކުރެ އެއްޤައުމަކުންވެސް އަނެއް ޤައުމެއްގެ ނިއުކްލިޔަރ މަރުކަޒުތަކާއި ފެސިލިޓީސް ތަކަށް ޙަމަލާދިނުމާއި ގޯނާކުރުންފަދަ ކަންތައްތައް ކުރުމަކީ މަނާކަމެކެވެ.

މިމުޢާހަދާގެ ބޭނުމަކީ ނިއުކްލިޔަރ ދެބާރު ކަމަށްވާ އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ފެށިދާނެ ކަމަށް ބެލެވޭ އާދައިގެ ހަނގުރާމައެއް ނިއުކްލިޔަރ ހަނގުރާމައަކަށް ބަދަލުވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ. މިކަމަށްޓަކައި ދެޤައުމު އެއްބަސްވެފައިވާ ސްޓްރެޖީތައް އަލުން ކަށަވަރުކޮށް އެސްޓްރެޓެޖީ ތަކަށް ދެޤައުމުންކުރާ އިތުބާރު އިތުރުކުރުމަށްވެސް އިސްލާމް އާބާދުގެ ބައްދަލުވުމުގައި ދެޤައުމުގެ މަސްއޫލުވެރިން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮންވެންޝަނަލް ހަތިޔާރާއި ޢަސްކަރީ އަދި އިޤްތިސާދީ ދާއިރާތަކުގައި އިންޑިޔާއަށްވުރެ ޕާކިސްތާން ބަލިކަށިކަމުން އިންޑިޔާގެ ކުރިމަތީގައި ނިއުކްލިޔަރ ހަތިޔާރުން ޙިމާޔަތް ހޯދުމަށް ޕާކިސްތާން އިސްކަންދޭ ކަމަށް ސްޓްރެޓީޖިކް ރިޕޯޓްތައް ބުނެއެވެ. އަދި ނިއުކްލިޔަރ ހަތިޔާރުުހުރި ހިނދެއްގައި ޕާކިސްތާނަށް ގޯނާކުރަން އިންޑިޔާއަށް ނުކެރޭނެތީ ޕާކިސްތާނުން އެޤައުމުގެ ނިއުކްލިޔަރ ހަތިޔާރު ދިފާޢީ އައްޑަނައެއްގެ ގޮތުގައި ފުރިހަމައަށް ބޭނުންކުރަމުން ގެންދާ ކަމަށްވެސް މިފަދަ ރިޕޯޓްތައް ބުނެއެވެ.

ނިއުކްލިޔަރ ދެބާރުކަމަށްވާ އިންޑިޔާއާއި ޕާކިސްތާންވަނީ 1947 ގައި އެދެޤައުމަށް މިނިވަންކަން ލިބުމަށްފަހު 3 ހަނގުރާމައެއް ކޮށްފައެވެ. -- ރޮއިޓާސް