05 Jul 2020, 12:15
ހައިކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުން ބުދަ ދުވަހަށް ތާވަލުކޮށްފިއެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ރައީސް ޔާމީންގެ މައްޗަށް ސާބިތުވެ، އެމަނިކުފާނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ. އެ ހުކުމް ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ކޮވިޑް-19ގެ ސަބަބުން ދައުލަތުގެ އޮފީސްތައް ބަންދު ކުރި ފަހުން އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފައި ނުވާނަމަވެސް، މިއަދު ހައިކޯޓުން ބުނީ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް މި މަހުގެ އަށެއްވާ ބުދަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްސަލައިގައި ހައިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މާޗް ފަސް ވަނަ ދުވަހުއެވެ. އެ ދުވަހު އިއުލާނު ކުރީ ދެން އޮންނަ އަޑުއެހުން އޮންނާނީ މާޗް 22ގައި ކަމަށެވެ. ނަމަވެސް، އޭގެ ކުރިން ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން އެ އަޑުއެހުމެއް ނުބާއްވައެވެ.
އެމަނިކުފާނުގެ އިސްތިއުނާފު މައްސަލަ ކުރިއަށް ދާލެއް ލަސް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށް، އިދިކޮޅު ކޯލިޝަނުން މި ފަހުން ވަނީ ހައިކޯޓުގެ އިސްވެރިންނާ ބައްދަލު ކުރަން ހައިކޯޓަށް ގޮސްފައެވެ. ނަމަވެސް، ހައިކޯޓުން އެ ބޭފުޅުންނާ ބައްދަލެއް ނުކުރައްވައެވެ.
ރައީސް ޔާމީންގެ މައްޗަށް ސާބުތުވި މަނީ ލޯންޑަރިންގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ކުރިއަށްދާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އެހެން ދައުވާއެއްވެސް ދައުލަތުން މި ފަހުން އުފުލާވައިފައެވެ.