ރާމަﷲ (ޖަނަވަރީ 3) : އިސްރާއީލާއެކު ސުލްޙައިގެ ވާހަކަތައް އަލުންފެށޭނީ އދ. ގެ ޤަރާރުތައް އިސްރާއީލުން ޤަބޫލުކޮށް 1976 ގެ ސަރަޙައްދީ ރޮނގާ ހަމައަށް ފަހަތައް ޖެހުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އުސޫލެއްގެ ގޮތުން އިސްރާއީލު އެއްބަސްވުމުން ކަމަށް ފަލަސްތީނުން ބުނެފިއެވެ.

އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދިއޯތު އަހްރަނޯތް" އަށް ދެއްވި ބަސްދީގަތުމެއްގައި ފަލަސްތީނުގެ އިސްމަސްއޫލުވެރިއެއް ކަމަށްވާ ޑރ. ސާއިބު ޢުރައިޤާތު ވިދާޅުވީ ވަގުތު ނަގާލެވޭގޮތަށް އިސްރާއީލާއެކު ދެން ފަލަސްތީނުން ސުލްޙައިގެ ވާހަތައް ނުދައްކާނެ ކަމުގައެވެ. އަދި ހިފާފައިވާ ބިންތަކުގައި އިސްރާއީލުން ކުރިޔަށްގެންދާ ޔަހޫދީން ވަޒަންވެރިކުރުވުމުގެ ޕްރޮގްރާމް ހުއްޓާލުމަކީވެސް ސުލްޙައިގެ ވާހަކަތައް އަލުންފެށުމުގެ ޝަރުތެއް ކަމުގައެވެ.

ޢުރައިޤާތު މިހެންވިދާޅުވީ ފަލަސްތީނާއެކު ސުލްޙައިގެ ވާހަކަތައް އަލުންފެށުމަށް އިސްރާއީލުުގެ ދިފާޢީވަޒީރު އިހޫދްބަރާކް ގޮވާލައްވާފައިވަނިކޮށެވެ. އިސްރާއީލު ގެންދަނީ ފަލަސްތީނުގެ މައްސަލާގައި އދ. ން ފާސްކޮށްފައިވާ ޤަރާރުތަކަށް ގޮންޖަހައި ހިފާފައިވާ 1976 ގެ ހަނގުރާމައިގާ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައިވެސް ޔަހޫދީން އާބަދުކުރުމަށްޓަކައި ޣައިރު ޤާނޫނީ މަޝްރޫޢުތަކެއް ހިންގަމުންނެވެ.

މިމަޝްރޫޢުތަކުގެ ދަށުން ހުޅަނގު އައްސޭރިގައި ދެލައްކައެއްހާ ޔަހޫދީން ޣައިރު ޤާނޫނީ ގޮތުން އިސްރާއީލު މިހާރުވަނީ ވަޒަންވެރިކުރުވާފައެވެ. އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫގެ އެހީތެރިއެއް ކަމަށްވާ އިސްޙާޤްމުލްޚޫ އާ ސާއިބު ޢުރައިޤާތު އަންނަ އަންގާރަދުވަހު އުރުދުންގައި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ސުލްހައިގެ ވާހަތައް އަލުންފެށުމަށްޓަކައި ފަލަސްތީނުން ގެންގުޅޭ ސްޓްރެޓެޖީތަކާއި އުސޫލުތައް މިބައްދަލުވުމުގައި އިސްރާއީލުގެ މަސްއޫލުވެރިޔާއަށް އިތުރަށް ހާމަކޮށްދެއްވާނެ ކަމަށް ޢުރައިޤާތު ކުރިންވަނީ ވިދާޅުވެފައެވެ. -- އަލްޖަޒީރާ