ކޮވިޑް-19އާ ގުޅިގެން އަމަލު ކުރަން ފަށާފައިވާ އާންމު ހާލަތް ނުވަތަ "ނިއު ނޯމަލް"ގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ހިދުމަތް ދިނުމުގައި އަމަލު ކުރާނެ ގޮތް ހާމަކޮށްފި އެވެ.

ޖޭއެސްސީއިން މިއަދު ބުނީ، އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތްވާގޮތުގެ މަތިން ހިދުމަތް ދިނުމުގައި އަމަލު ކުރާ ގޮތަށް ބަދަލު ގެނެސް، މިއަދުން ފެށިގެން ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ހަވީރު 3:00 އަށް އެ ކޮމިޝަނުން އާންމުންނަށް ހިދުމަތް ދޭނެ ކަމަށެވެ.

ޖޭއެސްސީއިން ބުނީ، އަނގައާއި ނޭފަތް ނިވާވާ ގޮތަށް މާސްކު ނާޅައި އަންނަ މީހުންނަށް ހިދުމަތް ނުދޭނެ ކަމަށެވެ. އަދި ކޮމިޝަނު އިދާރާގެ ތެރެއަށް ވަދެ ރަނގަޅަށް އަތް ސެނިޓައުޒް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

ކައުންޓަރުގައި އެއްވަގުތެއްގައި ހިދުމަތް ދޭނީ އެކަކަށް ކަމަށާއި، ކައުންޓަރުގައި މީހަކަށް ހިދުމަތްދޭއިރު ކައުންޓަރު ކައިރީގައި ހުންނަ ވެއިޓިން އޭރިއާގައި އެއްވަގުތެއްގައި މަޑުކުރެވޭނީވެސް އެކަކަށް ކަމަށް ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީއަށް އަންނަ ކޮންމެ މީހެއްގެ ޓެމްޕަރޭޗާ ބަލައި، އެ މީހުންގެ ނަމާއި، އައިޑީކާޑު ނަމްބަރާއި، ފޯނު ނަމްބަރު ފަދަ މައުލޫމާތު ރެކޯޑު ކުރެވޭ ކަމަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

ކޮމިޝަނަށް ވަދެ ނުކުތުމަށް ބޭނުން ކުރަންވާނީ މެދުޒިޔާރަތް މަގުގައި ހުންނަ ހ. ސަކީނާމަންޒަލަށް ވަދެވޭ ގޮތަށް ހުންނަ ދޮރު ކަމަށްވެސް ޖޭއެސްސީއިން މިއަދު ބުންޏެވެ.

ކޮވިޑް-19ގެ ސަބަބުން މާލޭ ސަރަހައްދުގެ ލޮކްޑައުން ކުރުމާ ގުޅިގެން ދައުލަތުގެ އިދާރާތައް ބަންދުކޮށް އޮންލައިންކޮށް ހިދުމަތް ދޭން ފެށިއެވެ. ނަމަވެސް، މިހާރު ލޮކްޑައުންއަށް ދީފައިވާ ލުއިތަކާއެކު އަލުން އިދާރާތައް ހުޅުވައި އެތަންތަނަށް މީހުން ގޮސް ހިދުމަތް ހޯދުމުގެ ފުރުސަތު ދަނީ ހުޅުވާލަމުންނެވެ.