04 Jul 2020, 23:19
ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގް ހަމަޖައްސަވައިފި އެވެ.
ސަރުކާރުން ވަނީ، ކުރިން ހިންގަމުން އައި ނޭޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މިމަހު އެކަކުން ފެށިގެން އުވާލައި، އެ ސެންޓަރުގެ މަސައްކަތް އެޗްއީއޯއީސީގެ ދަށަށް ބަދަލުކޮށްފައެވެ.
އެޗްއީއޯސީގެ ބަލަދުވެރި ފަރާތް، ހެލްތް މިނިސްޓްރީން މިރޭ ކުރި ޓްވީޓެގައި ވަނީ، އެ ސެންޓަރުގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ހަމަޖަޖެއްސެވި ކަން ހާމަކުރައްވާފައެވެ.
އެޗްއީއޯސީގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި ޑރ. ނަޒްލާ މިހާރުވެސް އަންނަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ސީނިއާ މެޑިކަލް އޮފިސަރުކަމުގެ މަގާމް ފުރުއްވަމުންނެވެ.
އެންއީއޯސީގެ މަސައްކަތްތައް އެޗްއީއޯސީއަށް ބަދަލު ކުރި ނަމަވެސް، އެ ސެންޓަރުން ދެމުން އައި ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ދެވޭނެ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި، އެ ސެންޓަރަށް ގެނައި ހަމަ އެކަނި ބަދަލަކީ، އޮޕަރޭޝަން ކުޑަކޮށް، އިދާރީ ގޮތުން ހިންގުމަށް ގެނެސްފައިވާ ބަދަލެކެވެ.
"ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރަށް ބަދަލުވި ނަމަވެސް، ފަރުވާއާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ކަންކަން އެ ގޮތުގައި ބަރާބަށް ކުރިއަށް ދާނެ. އެގޮތުން ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިން ހެދުމާ އަދި ފަރުވާގެ ކަންކަން އެ ހުރި އިންތިޒާމްގެ ދަށުން ކުރިއަށް ދާނެ. ލޮޖިސްޓިކް އަދި އެހެން ކަންކަންވެސް ހުއްޓުމެއް ނެތި ކުރިއަށްދާނެ،" އެންއޯއީސީން ބޭއްވި ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވެފައި ވެއެވެ.
އެންއޯއީސީ އުވާލި އިރު، މީގެ ކުރިން އެ ސެންޓަރުގެ ތަރުޖަމާންކަން ކުރެއްވީ، ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މަބްރޫކު އަޒީޒެވެ.