އަންނަ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް ބާއްވާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕިއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހުލޫފް މިއަދު ވިދާޅުވީ ޕީޕީއެމުން ބާއްވާ ޖަލްސާ ޕާޓީގެ ވަގުތީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

"ޕާޓީ އުފެދުނު ފަހުން އަދި ނެތް ޕާޓީގެ ވަގުތީ ރައީސަށް އެއްވެސް ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވިފައެއް. އެހެންކަމުން ބުރާސްފަތި ދުވަހު ބާއްވާ ޖަލްސާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިގަންނަވާނެ،" މަހުލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭގެ ޖަލްސާގައި މިދިއަ އަހަރު ސަރުކާރުން ކަންތައް ކޮށްފައިވާ ގޮތުގެ މައްޗަށާއި މިއަހަރު ޕީޕީއެމުން ކުރަން ގަސްތުކުރާ ކަންތައްތަކާބެހޭ ގޮތުން ބޭފުޅުން ވާހަކަފުޅު ދައްކަވާނެ ކަމަށާއި ޖަލްސާގައި ހާއްސަ ހަރަކާތްތަކެއް ހިމަނާނެ ކަމަށެވެ. އެއީ ކޮން ކަންތައްތަކެއް އޭނާ ވިދާޅެއް ނުވި އެވެ.