04 Jul 2020, 21:28
އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް، ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.
އެ މައްސަލައިގައި މިއަދު ހައްޔަރު ކުރީ، ތ. ގުރައިދޫ، މިޔަވާލި، ޙުސައިން ޒާހިނު،33، އެވެ.
ފުލުހުން މިރޭ ބުނީ، އިތުބާރު ހުރި މަގާމެއްގައި ހުރެ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތު ކުރެވޭ އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ކޯޓުން އެގޮތަށް އަމުރު ކުރީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައަކަށް ވުމާއެކު، އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތި ވެދާނެކަމަށް ފެންނާތީ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުގައި ބެހެއްޓުމަށް ނެރުނު އަމުރުގައިވާގޮތުން އޭނާގެ މައްޗަށް ކުރަނީ، އިތުބާރުހުރި މަގާމެއްގައި ހުރެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތެވެ.
އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައިވާތީވެ، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުންތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ޕީޖީގެ ފަރާތުން އެދިފައިވާތީ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލައިފި ނަމަ، މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ފޯރާނެކަމަށް ބެލެވޭތީ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ޗައިލްޑް އެބިއުސް އަދި އެކްސްޕްލޮއިޓޭޝަންގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުންގެ ވެބްސައިޓުގައި ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރު މިހާތަނަށް ޖިންސީ އަނިޔާގެ 241 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގަައި ހުސްވި ޖޫން މަހު ހުށަހެޅި 30 މައްސަލައާއި، މިމަހުގެ މި ތިން ދުވަހު ހުށަހެޅި ހަ މައްސަލަ ހިމެނެއެވެ.
މިފަދަ އެއްވެސް މައްސަލައެއްގެ މަޢުލޫމާތު ލިބިއްޖެނަމަ އެކަން ފުލުުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.