03 Jan 2012, 15:22
ފަނޑިޔާރުން ރިޓަޔާ ކުރުމުގެ ގަވާއިދުގެ ދަށުން ހަތަރު މެޖިސްޓްރޭޓަކު ރިޓަޔާކޮށް ދެއްވައިފި އެވެ. ހަތަރު މެޖިސްޓްރޭޓަކު ރިޓަޔާކޮށްދެއްވާފައި ވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ.
ރިޓަޔާ ކޮށްދެއްވާފައިވާ ހަތަރު ބޭފުޅުންނަކީ ގއ. ދާންދޫ ކޯޓްގެ މެޖިސްޓްރޭޓް މުހައްމަދު އިބްރާހީމް (ދޮންތުއްތުދީދީ) އާއި ށ. ކޮމަންޑޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ރަމީޒާއި ށ. ކަނޑިތީމު ކޯޓުގެ މެޖިސްޓްރޭޓް އަލީ ހުސެއިން އަދި ހއ. ތަކަންދޫ ކޯޓުގެ މެޖިސްޓްރޭޓް އާދަމް ގާސިމެވެ.
ފަނޑިޔާރުން ރިޓަޔާ ކުރުމާއި ބެހޭ ގަވާއިދުގައި ބުނަނީ ފަނޑިޔާރަކު ހިދުމަތްކުރެއްވެވީ 30 އަހަރަށް ވުރެ ކުރުމުއްދަތެއް ކަމުގައިވާ ނަމަ ލިބި ވަޑައިގަންނަވާ މުސާރައިގެ ތިން ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަކުރުމުން ޖެހޭ މިންވަރު އެއްފަހަރާ އެ ފަނޑިޔާރަކަށް ލިބި ވަޑައިގަންނަވާ ކަމަށެވެ. އަދި 30 އަހަރަށް ވުރެ ގިނައިން ހިދުމަތްކޮށްފައިވާ ނަމަ މަހަކު ލިބޭ މުސާރައިގެ ދެ ބައިކުޅަ އެއްބައި ހިދުމަތްކުރި މުއްދަތުން ގުނަ ކުރުމުން ޖެހޭ މިންވަރު އެ ފަނޑިޔާރަކަށް ދެއްވަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.
ގަވާއިދުގެ ދަށުން ރިޓަޔަޑް ފަނޑިޔާރުންނަށް އެ ފަނޑިޔާރަކު ހުރި ފެންވަރަކުން ލަގަބު އެރުވެ އެވެ. ސުޕްރީމް ކޯޓު ނުވަތަ ހައިކޯޓުގެ ފަނޑިޔާރެއް ނަމަ އެބޭފުޅެއްގެ ނަމުގެ ކުރިއަށް "ޖަސްޓިސް ރިޓަޔާޑް"، ސްޕީރިއާ ކޯޓެއްގެ ފަނޑިޔާރެއް ނަމަ "ޖަޖް ރިޓަޔާޑް " އަދި މެޖިސްޓްރޭޓް ކޯޓެއްގެ ފަނޑިޔާރެއްނަމަ "މެޖިސްޓްރޭޓް ރިޓަޔާޑް"ގެ ލަގަބު ދެއްވައެވެ.