30 Jun 2010, 07:12
2:30
އެތައް ވަޒީރުންނެއްގެ މައްޗަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިވާ ކަމަށާއި، މުޅި ކެބިނެޓް އިސްތިއުފާ ދޭން ޖެހުނީ އެހެންގޮތެއް ނެތިގެން ކަމަށް އިއްޔެ އިސްތިއުފާ ދެއްވި ބައެއް މިނިސްޓަރުން ވިދާޅުވެއްޖެ.
އެމްޑީޕީގެ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން، އެބޭފުޅުން ވިދާޅުވީ، ސަރުކާރު ފެއިލްވެފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ނަމަވެސް ރައީސް ނަޝީދު ވެރިކަމުގައި މިހާރު ވެސް ހުންނެވީ ފުރިހަމަ ބާރުގައި ކަމަށާއި ރައީސް ނަޝީދު މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅަކީ، ސަރުކާރު ހިންގުމަށް ހުރަސްއެޅުމަށް ރައްޔިތުންގެ މަޖިލީހުން ކުރާ މަސައްކަތަކާދެކޮޅަށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކެއް ކަމަށެވެ.
ހައުސިން މިނިސްޓަރު ކަމުގައި ކުރިން ހުންނެވި އަހްމަދު އަސްލަމް ރޭ ވިދާޅުވީ، ވަރަށް ދުވަސް ވަންދެން މަގާމުގައި ކެތްކުރައްވައިފި ކަމަށެވެ. އަދި ކެބިނެޓުން އިސްތިއުފާ ދެއްވީ، އެޑިއުކޭޝަން މިނިސްޓަރ ކަމުގައި ހުންނެވި، ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތް ކަމުގެ ވޯޓަށްފަހު، އެތައް މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އިދިކޮޅު ފަރާތްތަކުން ރާވާފައިވާކަގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީ، އާއި ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަމުންދާ ގޮތުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ނުކުރެވި އެމަގާމުގައި ތިއްބެވުމަށް ބޭނުންފުޅު ނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެޓާނީ ޖެނެރަލް ހުސްނު ސުއޫދުގެ އިތުރުން އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީވެސް ސަރުކާރު ދިފާއުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެ ރޭގެ އެ ޖަލްސާގައި ވާހަކަ ދެއްކެވި އެވެ.