03 Jan 2012, 15:01
މާލޭ ސިޓީގެ ޕްރައިމަރީ ހެލްތް ކެއާ ޕްރޮގްރާމް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ފައްޓަވައިދެއްވައިފި އެވެ. ޕްރޮގްރާމް ފައްޓަވައިދެއްވުމަށް ރައީސް ނަޝީދު މިއަދު ވަނީ މާލޭ ސިޓީ ކައުންސިލް މެންބަރުނާއެކު މ. ވިނަރެސް ގެއަށް ވަޑައިގެން އެގޭގެ އާއިލާއާ ބައްދަލު ކުރައްވާފަ އެވެ.
ޕްރައިމަރީ ހެލްތް ކެއާ ޕްރޮގްރާމް ފައްްޓަވައި ދެއްވުމަށް ފަހު ރައީސް ވިދާޅުވީ މި ޕްރޮގްރާމްގައި ސިއްހީ ފަރުވާދޭ ކްލިނިކްތަކެއް މާލޭގައި ގާއިމު ކުރައްވާނެ ކަމަށާއި މި ޕްރޮގްރާމްގެ ތެރޭގައި 16 ބައެއް ހިމެނޭނެ ކަމަށެވެ.
މާލޭގެ މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ވިދާޅުވީ ޕްރޮގްރާމް މުޅި މާލޭގައި ހިންގާނެ ކަމަށާއި ފުރަތަމަ ބަޔަކީ ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދު ބެލުން ކަމަށެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއާ ޕްރޮގްރާމްގެ މަސައްކަތް ފުރަތަމަ ހިންގާނީ މައްޗަށްގޮޅި އަވަށު އޮފީސް ހުރި އިމާރާތުގައި ކަމަށާއި މި ޕްރޮގްރާމް ހިންގަން މާލޭގެ ހަ އަވަށުގަ ސެންޓަރުތައް ޤާއިމުކުރާނެ ކަމަށެވެ.
"މިކަމުން ހޮސްޕިޓަލު ތަކަށް ވަރަށް ބާރު ކުޑަ ވެގެންދާނެ. މިހާރު އަޅުގަނޑުމެން ހޮސްޕިޓަލަށް މި ދަނީ ކިރިޔާ ކަމެއްވެލިޔަސް. މިހާރު ހުރިހާ ކުޑަކުދިން ވެސް ދެއްކޭނީ މިތަނަށް، ދެއްކީމަ މިތަނުގަ ހުންނަ ޑޮކްޓަރެއް ރިކްއެސްޓްކުރާނެ ނުވަތަ ވިދާޅިވާނެ މިވެނި ތާކަށް ގޮސް ޑޮކްޓަރުގެ ލަފާ ހޯދިއްޔާ ރަނގަޅުވާނެ ކަމަށް. އެހެންވީމަ ހޮސްޕިޓަލަށް [ބާރު] ކުޑަ ވެގެންދާނެ،'' އަލިބެ ވިދާޅުވިއެވެ.