03 Jan 2012, 14:32
ކ. ހިންމަފުށީގައި ސިނާއީ މަސައްކަތްކުރާ ކުންފުނިތަކުން އެ ރަށުގެ ކުނިކޮއްޓަށް ކުނި އުކާލުމަށް ފީ ދައްކަން ޖެހޭ ގޮތަށް ރަށު ކައުންސިލުން މިއަދު ނިންމައިފި އެވެ.
ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު ވިދާޅުވީ އެ ރަށުގައި ސިނާއީ މަސައްކަތް ކުރާ ފަރާތްތަކަށް ރަށުގެ ކުނިކޮށި މި މަހުން ފެށިގެން ބޭނުން ކުރެވޭނީ ފީ ދައްކައިގެން ކަމަށާއި ކައުންސިލުން ފީނަގަން ނިންމާފައި ވަނީ ދެ ކެޓަގަރީ އަކަށް ކަމަށެވެ.
"އަޅުގަނޑުމެން މިވަނީ ދެ ކެޓަގަރީ އަކަށް ބަހާލަފައި އެގޮތުން އޭ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކުނި އުކާލާނަމަ މަހަކަށް 1000ރ. ދައްކަން ޖެހޭނެ. ކެޓެގަރީ ބީގެ އެއްވެސް ފަރާތަކުން ކުނި އުކާލާނަމަ މަހަކަށް 500ރ. ދައްކަން ޖެހޭނެ،" ޝާން ވިދާޅު ވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުގައި ބޮޑެތި ކުންފުނިތަކަކާއި ކުދިކުދި ކުންފުނިތަކުން ސިނާއީ މަސައްކަތްތައް ކުރާ ކަމަށާއި ދެ ކެޓެގަރީއަކަށް ފީނަގާ ގޮތަށް ހަމަޖެއްސީ އެ ތަންތަނުން އުކާލާ ކުނީގެ ގިނަ މަދުމިނަށް ބަލައިގެން ކަމަށެވެ.
ހިންމަފުށީގައި ސިނާއީ މަސައްކަތްކުރާ ބައެއް ކުންފުނިތަކުގެ ތެރޭގައި ފެން އުފައްދާ ކުންފުންޏަކާއި ކަންނެލި އެކްސްޕޯޓްކުރާ ފަރާތްތަކާއި ކޭޓަރިންގެ ހިދުމަތް ދޭފަރާތްތައް ހިމެނެ އެވެ.