03 Jul 2020, 20:57
އައިޖީއެމްއެޗްގެ އައިސީޔޫގައި މަސައްކަތް ކުރަމުންދިޔަ ތިން ނަރުހުންނާއި ދެ ބަލިމީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މި ފަސް މީހުން ކޮވިޑަށް މިއަދު ޕޮޒިޓިވްވެފައިވާ ކަން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން "ސަން" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
ތަސްލީމާ ވިދާޅުވީ، އެ ފަސް މީހުންނަކީ، ރޭ މަރުވި އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާގެ ކޮންޓެކްޓް ޓްރޭސިން ހެދިއިރު ދެނެގަނެވުނު ޕްރައިމަރީ ކޮންޓެކްޓްސް ކަމަށެވެ.
"ޕޮޒިޓިވްވެފައި ވަނީ އައިޖީއެމްޗް އައިސީޔޫގެ ތިން ނަރުހުންނާއި ހޮސްޕިޓަލުގައި ފަރުުވާ ދެމުން ދިޔަ ދެ ބަލި މީހުން. އެ ފަސް މީހުންގެ ޓެސްޓުގެ ނަތީޖާ ލިބުނީ މިއަދު،" ތަސްލީމާ ވިދާޅުވިއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ހޯދުމަށް އައިޖީއެމްއެޗްގެ މިޑީއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަމަށް އައިޖީއެމްއެޗްގެ މީޑިއާއަށް އަދި އެނގިފައެއް ނެތް ކަމަށާއި، މައުލޫމާތު ލިބުމުން ތަފްސީލު އަރުވާނެ ކަމަށެވެ.
ރޭ މަރުވި މީހާ މަރުވީ ކޮވިޑަށް ޕޮޒިޓިވްވެގެން ކަމަށް އެންމެ ފުރަތަމަ އެޗްޕީއޭއިން އިއުލާނު ކުރުމަށް ފަހު ފަހުން ބުނެފައިވަނީ އެގޮތަށް އިއުލާނު ކުރެވުނީ އޮޅުމަކުން ކަމަށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް، އެޗްޕީއޭ އިން ނިންމާފައިވަނީ، އޭނާ މަރުވި ސަބަބަކީ ކެންސަރު ބަލި ކަމަށެވެ. އަދި އެއީ ކޮވިޑާ ގުޅުމެއް ނެތް މަރެއްގެ ގޮތުގައި ވަނީ ނިންމާފަ އެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑަށް 2،400 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި އިރު، 80 ޕަސަންޓް މީހުން ވަނީ ވައިރަހުން ރަނގަޅުވެފައެވެ. އަދި 10 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.