03 Jan 2012, 14:16
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗުން އެޓީމު ބަލިވުމުން ތާވަލްގެ ތިން ވަނަ މާޤާމަށް އެރުމަށް ލިބުނު ފުރުސަތު ގެއްލިއްޖެ އެވެ.
ލަންޑަނުގެ ކްރެވަން ކޮޓެޖްގައި ފުލަމްއާއި ދެކޮޅަށް ކުޅުނު މިމެޗުން އާސެނަލް ބަލިވެފައިވަނީ 2-1 ލަނޑުންނެވެ.
އާސެނަލް ބަލިވެ، ލީގް ތާވަލްގެ ފަސް ވަނައަށް ރޭ އެޓީމް ވެއްޓުނު އިރު، ރޭގެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑް ނެގީ އާސެނަލްއެވެ. އެ ލަނޑު މެޗްގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ކޮސިއެލްނީ އެވެ.
މެޗްގެ ފުރަތަމަ ހާފުގައި އާސެނަލް އިން ޖެހި ލަނޑާއެކު، ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު، ދެ ވަނަ ހާފުގައި އާސެނަލްއަށް ކުރި މަތިވި އެންމެ ބޮޑު ގެއްލުމަކީ، ދެ ވަނަ ހާފުގެ 77 ވަނަ މިނެޓުގައި އާސެނަލްގެ ކުޅުންތެރިއަކަށް ރެފްރީވަނީ ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލި ހިސާބުންނެވެ.
މެޗްގެ ބާކީ ބައި 10 ކުޅުންތެރިންނާއެކު، ފޫބައްދަން ޖެހުނު އާސެނަލްއަށް ޖެހުމުން، އިދިކޮޅު ފުލަމްގެ ކުޅުން އިތުރަށް ވަރުގަދަކޮށް، އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗްގެ 85 ވަނަ މިނެޓުގައި ފުލަމްއަށް ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ސްޓީވް ސިޑްވެލް ކާމިޔާބު ކޮށްދިންއިރު، މެޗުން މޮޅުވި ލަނޑު ފުލަމްއަށް ކާމިޔާބު ކޮށްދިނީ މެޗްގެ އިތުރު ވަގުތުގެ ކުޅުމުގައި ބޮބީ ޒަމޯރާ އެވެ.
ރޭގެ މެޗުން ފުލަމް މޮޅުވުމުން އެޓީމަށް 23 ޕޮއިންޓާއެކު ތާވަލްގެ 13 ވަނަ ލިބުނު އިރު، ފަސް ވަނަ ގައި އޮތް އާސެނަލްއަށް ލިބިފައި ވަނީ 36 ޕޮއިންޓެވެ.
މިމުބާރާތުގައި ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު، އެސްޓޮންވިލާ ވަނީ ސްވެންސީ އަތުން 2-0 ލަނޑުން ބަލިވެފައެވެ. އަދި ބްލެކްބާންއަތުން 2-1 ލަނޑުން ސްޓޯކް ސިޓީ މޮޅުވިއިރު، ނޮވިޗް އަތުން ކިޔުޕީއާރު ބަލިވީ 2-1 ލަނޑުންނެވެ.