އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮލްވާހެމްޓަން ވޮންޑަރާސްއާއި ދެކޮޅަށް ކުޅުނު މެޗް 2-1 ލަނޑުން ޗެލްސީއިން ކާމިޔާބުކޮށްފި އެވެ.

ރަށުން ބޭރުގައި ޗެލްސީ ރޭ ކުޅުނު މިމެޗްގެ ފުރަތަމަ ލަނޑު، މެޗް ދެ ވަނަ ހާފުގެ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ރަމިރޭސް އެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހާ ޗެލްސީއިން ލީޑް ނެގި ކަމުގައި ވިޔަސް، ދެ ޓީމުގެ ފަރާތުން ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފަށް ވުރެ، ދެވަނަ ހާފުގައި ދެ ޓީމުގެ ކުޅުން ވަނީ އިތުރަށް ފޯރި ގަދަވެފަ އެވެ.

ފުރަތަމަ ލަނޑުޖަހާ މެޗްގެ ލީޑު ޗެލްސީއިން ނަގާފައި ވަނިކޮށް، ވޮލްވާހެމްޓަން ވޮންޑަރަސްއިން ނަތީޖާ ހަމަހަމަ ކުރި ލަނޑު އެޓީމުން ޖެހީ މެޗްގެ 84 ވަނަ މިނެޓުގައެވެ. އެ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ވޯޑެވެ.

ދެ ޓީމުވެސް 1-1 ލަނޑުން ހަމަހަމަ ވެފައި ވަނިކޮށް، ރޭގެ މެޗުގައި ޗެލްސީ މޮޅުކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 89 ވަނަ މިނެޓުގައި ފްރެންކް ލަމްޕާޑްއެވެ.

ރޭގެ މޮޅާއެކު ޗެލްސީއަށް ތާވަލްގެ ހަތަރު ވަނަ ލިބެނީ އެޓީމް މިހާތަނަށް ކުޅުނު 20 މެޗުން ލިބުނު 37 ޕޮއިންޓާއެކު އެވެ. އަދި ރޭގެ މެޗުން ބަލިވި ވޮލްވްސް އޮތީ ތާވަލްގެ 16 ވަނައިގައި 17 ޕޮއިންޓާއެކު އެވެ.