03 Jul 2020, 12:11
ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިނަށް ހިލޭ ސާބަހަށް ވަކާލާތުކޮށްދޭނެ ކަމަށް ޕަބްލިކް އިންޓަރެސްޓް ލޯ ފާމްގެ ރައީސާ މަރިޔަމް ޝުނާނާ ވިދާޅުވެއްޖެ އެވެ.
ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިންނަށް މުސާރަ ނުދޭތާ މަސްތަކެއް ވެފައިވަނިކޮށް، އެރަށުގައި މަސައްކަތްކުރާ ބިދޭސިންތަކެއް ރޭ ވަނީ ހަޅުތާލުކޮށްފަ އެވެ.
އެ މައްސަލާގައި ޝުނާނާ ރޭ ވިދާޅުވީ އޭނާގެ ޓީމުން ބޮޑުފިނޮޅަށް ގޮސް، މުވައްޒަފުންނާ ވާހަކަދައްކައި، ގާނޫނީ ލަފާ ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި އެމީހުން ލައްވާ ވަޒީފާ އަދާކުރުވާ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"ފުލުހުންގެ ސީނިޔާ އޮފިސަރަކު ވިދާޅުވި، މިވަގުތު އަދި އެރަށަށް ދިޔުން ރައްކާތެރި ނޫން ކަމަށް. ރަށަށް ދިޔުން ރައްކާތެރިވުމުން އެކަން އަންގާނެ ކަމަށްވެސް ވިދާޅުވި،" ޝުނާނާ ރޭ ވިދާޅުވި އެވެ.
ބޮޑުފިނޮޅުގައި ބިދޭސީންތަކެއް އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ވަނީ ސަލާމަތްކޮށްފަ އެވެ.
ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.