03 Jan 2012, 14:08
މި އަހަރަކީ ފުޓްބޯޅަ ކުރިއެރުވުމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށް ވާނެ ކަމަށް އުންމީދު ކުރައްވާކަމަށް އެފްއޭއެމްގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އާޒީމް މިއަދު ވިދާޅުވީ، ބައްލަވަނީ ދިމާވާ ދަތިތައް ބަލައި އެ ދަތިތަކުން ސަލާމަތްވުމަށް ކަމަށާއި މިދިޔަ އަހަރު ފުޓްބޯޅަ ކުރިއެރުވުމަށް ކުރެވުނު މަސައްކަތުގެ ދަށުން ދިމާވި ދަތިތަކެއްތޯ ބެލުމަށްފަހު މިއަހަރު އެކަންތައްތައް ރަނގަޅު ކުރަން އެފްއޭއެމްގެ ހިންގާ ކޮމެޓީން މައްސައްކަތް ކުރާނެ ކަމަށެވެ.
"ފުޓްބޯޅަ ކުރިއަރުވަން ދިމާ ދަތިތަކަކީ ކޮބާތޯ އަބަދުވެސް ބަލާނަން. މިދިޔަ އަހަރު ދިމާވި ދަތި ތަކަކީ ކޮބާއިތޯ ބެލުމަށްފަހު މިއަހަރު އެކަން ރަނގަޅު ކުރާނަން. އަޅުގަނޑާއި ހިންގާ ކޮމެޓީން އަބަދުވެސް މަސައްކަތް ކުރަނީ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތެއް ހޯދުން. އެގޮތަށް މަސައްކަތް ކުރުމަށް. މިފެށުނު އަހަރަކީ ދިވެހި ފުޓްބޯޅައަށް އިރާދަކުރެއްވިއްޔާ ކާމިޔާބީ އަހަރަކަށް ވާނެ. އެގޮތަށް އަޅުގަނޑު އުންމީދު ކުރަން" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހި ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމްއިން ކުރާ މަސައްކަތުގެ ދަށުން ނިމިގެން ދިޔަ 2010 ވަނަ އަހަރަށް ވުރެ، 2011 ވަނަ އަހަރު ލިބުނު ކުރިއެރުންތައް ރަނގަޅު ކަމަށެވެ. އަދި ވޭތުވެދި ދެ އަހަރަށްވުރެ ވެސް މިއަހަރު ފުޓްބޯޅައަށް އިތުރު ކުރިއެރުންތަކެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.