03 Jul 2020, 12:08
ހިންދީ ސިނަމާގެ ތާރީހުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު އެއް ކޮރެއޮގްރަފާ ސަރޯޖް ހާން އުމުރުން 71 އަހަރުގައި މަރުވެއްޖެ އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި ރޭގެ ވަގުތެއްގައި ސަރޯޖް މަރުވެފައިވަނީ ކާޑިއެކް އެރެސްޓް ވެގެންނެވެ. އޭނާ މަރުވި އިރު، އޭނާ އޮތީ މުމްބާއިގެ ހޮސްޕިޓަލެއްގައި ކަމަށްވެސް ބައެއް މީޑިއާތަކުން ބުނެއެވެ.
މައުލޫމާތު ލިބޭގޮތުގައި ސަރޯޖް ހާން ހޮސްޕިޓަލަށް ގެންދިޔައީ ނޭވާ ލުމަށް ދަތިވެގެން އުޅޭ ކަމުގެ މައްސަލަ ހުރުމުންނެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީވެސް އެފަދަ މައްސަލަތަކެއް އުޅޭ ކަމުގެ ވާހަކަ ބުނިތާ މަހެއް ފަހުންނެވެ. ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓުކޮށް އެ ވައިރަސް އަށް ވަނީ ނެގެޓިވް ވެފައެވެ.
ސަރޯޖް ހާންގެ ކޮރެއޮގްރަފީ ކެރިއަރު މަޝްހޫރުވެގެން ގޮސްފައިވަނީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ އޭރުގެ އެންމެ މަޝްހޫރު އެއް އެކްޓަރު ކަމަށްވާ މާދުރީ ޑިކްޝިދުގެ ބައެއް ހިޓު ލަވަތަަކަށް ކޮރެއޮގްރާފް ކޮށްދީފައިވަނީ ސަރޯޖް އަށް ވުމުންނެވެ.
އިންޑިއާގެ އެންމެ މަގުބޫލު ބޮޑެތި ހިޓު ލަވަތަކުގެ ކޮރެއޮގްރަފީ ކޮށްދީފައިވާ އެކަކަށް ސަރޯޖް ހާން ވާނެއެވެ. އޭނާގެ މަގުބޫލުކަމާއެކު ސަރޯޖްގެ ކެރިއަރު 40 އަހަރަށް ދެމިގެން ގޮސްފައިވެއެވެ.