03 Jul 2020, 00:16
ރާއްޖޭގެ ހާލަތު އޮތް ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މި މަހުގެ މެދު ތެރޭގައި ނިންމާލެވޭނެކަމަށް އުންމީދު ކުރެވޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ، މޭ މަހުގެ 12 ވަނަ ދުވަހު 30 ދުވަހަށެވެ. އޭގެ ފަހުން އެކި ފަހަރު މަތިން އެ ހާލަތު އައީ އިތުރު ކުރަމުންނެވެ. ދެން އެ ހާލަތުގެ މުއްދަތު އިތުރު ނުކޮށްފިނަމަ މި މަހުގެ 15 ވަނަ ދުވަހު އާންމު ހާލަތަކަށް ބަދަލުވާނެ އެވެ.
"ނަމަވެސް ހާލަތައް އަންނަ ބަދަލާއި ގުޅިގެން އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި އަޅުގނޑުމެން އެގޮތަށް އެކަން ކުރިއަށް ގެންދާނަން،" ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ.
"މިވަގުތު އަޅުގަނޑަށް ގަބޫލުކުރެވެނީ ޖުލައި 14އާ ހިސާބަށް ދާއިރުގައި އަޅުގަނޑުމެނަށް އެ ހާލަތު ނިންމާލެވިދާނެ ކަމަށް. އެހެން ނަމަވެސް މި ވަގުތު ސީދާ އެއްޗެއް ދަންނަވާކަށް ނޭންގޭ. މިވަގުތުގެ ހާލަތަށް ބަލާއިރުގައި ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރަން ޖެހޭނެއޭ ނުވަތަ ނޫނެކޭ ދަންނަވަން އުނދަގޫ. މިހާރަށް ދެންނެވޭނީ އަޅުގަނޑުމެނަށް ޖުލައި 15އާ ހިސާބަށް ދާއިރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދޫކޮށްލެވިދާނެ ކަމަށް އަޅުގަނޑުމެނަށް ގަބޫލު ކުރެވޭ. އެހެން ނަމަވެސް ކުރިއަށް އޮތް ދެ ހަފްތާ ކަންތައްތައް ހިނގާ ގޮތަކަށް ބަލާފައި ދެން އަޅުގަނޑުމެނަށް އިތުރަށް ނިންމުންތައް ނިންމާނީ،" މިނިސްޓަރު އަމީން ވިދާޅުވި އެވެ.
މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހިސާބަށް ދާންވާއިރަށް ހާލަތު ރަނގަޅު ކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުގައި ވަރަށް ގިނަ ކަންތައްތަކަކަށް ރިއާޔަށް ކުރިކަން ފާހަގަކުރައްވައި މިނިސްޓަރު އަމީން ވިދާޅުވީ، މި ވަގުތައް ބަލި ކޮންޓްރޯލް ކުރެވެމުންދާ ކަމުގެ ނިޝާންތައް ފެނުނު ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ބަލި އިތުރުވެގެން ހިނގައިދާނެކަމަށް ބެލެވުން އެއީ އެއް ސަބަބު ކަމަށެވެ.
ކޮވިޑް އެއްކޮށް ރާއްޖެއިން ފުހެވިގެން ނުދާއިރު އެއްކޮށް ކޮންޓްރޯލް ކުރެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ހާލަތުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅެން އޮތީވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ބާއްވައިގެން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.