މޯލްޑިވްސް ރެޑްކްރެސެންޓުން އިސްނަގައިގެން ކުރިއަށްގެންދާ ބިދޭސިންނަށް ކެއުން ފޯރުކޮށްދިނުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރުސީ) އިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެމްއާރުސީގެ ކޮވިޑް19 ރެސްޕޮންސް މަސައްކަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެން ދިޔަ އެއް މަސައްކަތަކީ ކެއިން ބުއިމުގެ ކަންތައް ކުރިއަށް ގެންދާނެ ގާބިލުކަން ނެތް ބިދޭސިންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ހިދުމަތް ކަމަށެވެ.

ލޮކްޑައުން އަށް ލުއި ދިނުމުގެ ތިން ވަނަ ފޭސް އާއެކު ވެސް މާލެ ސަރަހައްދުގައި އުޅޭ ބިދޭސީންގެ ތެރެއިން ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަށް މަސައްކަތް ނުލިބި ތިބޭނެތިއްޔާއި، ބިދޭސިން ދިރިއުޅޭ ގިނަ ތަންތަން މޮނީޓަރިންގައި ހުރުމުގެ ސަބަބުން ކެއިން ބުއިމަށް މަސައްކަތް ކުރުމުގެ ފުރުސަތު ނޯންނާނެތީވެ، އެމްއާރުސީ އިން ކުރިއަށްގެންދާ ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޕްރޮގްރާމު ކުރިއަށް ގެންދަން ވަނީ ނިންމައިފައެވެ.

އެމްއާރުސީ އިން ބުނީ ކަރަންޓީނު ނުވަތަ މޮނީޓާރިންގައި ހުންނަ ތަންތަނުގައި އުޅޭ ބިދޭސީންނާއި ސައްހަ ލިޔެކިޔުން ނެތި އުޅޭ ބިދޭސިންގެ އިތުރުން އާމްދަނީ އެއް ލިބޭނެ ގޮތެއް ނެތި ކެއިން ބުއިމަށް ދަތިވެފައިވާ ބިދޭސިންނަށް ކާބޯތަކެތި ފޯރުކޮށްދޭނީ އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތަށް ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ކޭޓަރިން ބިޒްނަސްތައް މެދުވެރިކޮށް ކަމަށެވެ،

މި ޕްރޮގްރާމުގެ ދަށުން ބިދޭސިންނަށް ދެ އިރުގެ ކެއުންދޭއިރު، އެމީހުންނަށް ފޯރުކޮށްދޭ ކެއުމަކީ ސިއްހަތަށް ފައިދާހުރި، އެމީހުންގެ އާންމު ކެއުމުގައި ބޭނުންކުރާތަކެއްޗަށް ވާންޖެހެއެވެ.

އެމްއާރުސީ އިން ކެއުން ފޯރުކޮށްދޭ ކްރިއިޓީރިއާ އަށް ފެތޭ ބިދޭސިން އެމްއާރުސީ ބެނެފިޝަރީ އެއްގެ ގޮތުގައި ރެޖިސްޓްރީކޮށް ހާއްސަ ކާޑެއް ދޭނެއެވެ. މި ކްރައިޓީރިއާ ތަކަށް ފެތޭ ބިދޭސިން އެމްއާރުސީގެ ނަންބަރު 9114584 ނުވަތަ 9114512 އަށް ގުޅައި ރެޖިސްޓްރީ ކުރުމަށް އެމްއާރުސީ އިން އެދެއެވެ. ރެޖިސްޓްރީ ވާ ބިދޭސިންނަށް ކެއުން ފޯރުކޮށްދޭނީ ހާއްސަ އެސެސްމެންޓެއް ކުރިއަށްގެންގޮސް ކްރައިޓީރިއާ އަށް ފެތޭނަމައެވެ.