ރޭޕް މައްސަލައެއް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި ފޮރެންސިކް ތަހުލީލު ކުރުން ލާޒިމް ކުރަން ޖިންސީ ކުށުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ހުށަހެޅުވީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އެވެ. އެއީ ޖިންސީ ކުށުގެ ގާނޫނަށް ހުށަހެޅި ފުރަތަމަ އިސްލާހެވެ.

ހިސާން ހުށަހެޅުވި އިސްލާހުގައި ބުނެފައިވަނީ ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލަކީ ކުށުގެ ޝިކާރައަކަށްވީ ފަރާތުގެ ރުހުމުގައި، އެކަމަށް ހާއްސަކޮށްފައިވާ ކިޓް ބޭނުންކޮށްގެން ކުރެވޭ ތަހުލީލެއް ކަމަށެވެ. އަދި އެ ކިޑް ބޭނުންކޮށްގެން މަދުވެގެން ހަތް ސާމްޕަލެއް ނަގަން އިސްލާހުން ލާޒިމް ކުރެއެވެ.

  • އިސްތަށިގަނޑުންނާއި ކުރިމަތިފަރާތައި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަހައްދުން ނަގާ އިސްތަށި

  • ލޭ އަދި ކުޑަކަމުދާ ތަކެތި
  • ކުށުގެ ޝިކާރައަކަށް ވީ ފަރާތުގެ އަންނައުނު
  • ނިޔަފައްޗާއި ނިޔަފަތީގެ ދަށުން ނަގާ ސާމްޕަލް
  • ކުރިމަތިފަރާތާއި ފުރަގަސް ފަރާތުން ނަގާ ސާމްޕަލް
  • އަގައިން ނަގާ ސާމްޕަލް
  • ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލް

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ގަވައިދު ހެދުން އެ އިސްލާހުން ލާޒިމްކޮށްފައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށެވެ. އަދި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އެ ގަވައިދު ނިންމަން ވަނީ ލާޒިމް ކޮށްފަ އެވެ.

"ސަރުކާރުގެ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލްތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ އެވެ." ޖިންސީ ކުށުގެ ގާނޫނަށް ހިސާން ހުށަހެޅުއްވި އިސްލާހުގައި ބުނެފައިވެ އެވެ.

އަދި ސިއްހީ ހިދުމަތްދޭ ތަންތަނުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސިއްހީ ހިދުމަތް ދޭ ތަންތަނުން އެ ކިޓް ލިބޭނޭ އިންތިޒާމު ގާނޫނަށް އަމަލު ކުރަން ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި ހަމަ ޖައްސަން އެ އިސްލާހުން ލާޒިމް ކުރެ އެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައި ހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ސަރުކާރުން ހިންގާ ކޮންމެ ސިއްހީ ހިދުމަތްދޭ މަރުކަޒެއްގައި ހުންނަންޖެހޭނެ ކަމަށްވެސް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނަގަން ވާނީ އެ ތަމްރީނު ލިބިފައިވާ މީހުން ކަމަށްވެސް ބުނެފައި ވެއެވެ.

ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް އެ ސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލެއްވެއް އެކުލަވާލަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި ސާމްޕަލް ނެގި މަރުކަޒުން ތަހުގީގު އިދާރާއަށް އެ ސާމްޕަލް ގެންދާނެ ގޮތުގެ އުސޫލު އެކުލަވާލުމުގެ ޒިންމާ ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ސިއްހީ ހިދުމަތްދޭ ފަރާތްތަކަށް ބޮޑެތި ޒިންމާތަކެއް

ޖިންސީ ކުށުގެ ގާނޫނަށް ހިސާން އިސްލާހު ހުށަހެޅުއްވި އިރު، ސިއްހީ ހިދުމަތް ދޭ ތަންތަނަށް އެ އިސްލާހުގެ ދަށުން ބޮޑެތި ޒިންމާތަކެއް ވަނީ މަތިކުރުވާފަ އެވެ. އެގޮތުން ޖިންސީ ގޯނާ، ޖިންސީ އަނިޔާ ނުވަތަ ރޭޕްގެ ކުށެއް ވިޔަސް އެކުށުގެ ޝިކާރައަކަށް ވީ ފަރާތެއް ޑޮޮކްޓަރަށް ދައްކަން ގޮސްފި ނަމަ ސޯޝަލް ސާވިސް ޑިޕާޓްމެންޓަށް ވަގުތުން އަންގަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ.

އަދި އެފަދަ ފަރާތެއް ޑޮކްޓަރަށް ދައްކަން ގޮސްފިނަމަ ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން އިސްލާހުގައި ބުނާ ސާމްޕަލްތައް ލަސްނުކޮށް ނަގަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. އިސްލާހުގައި ބުނެފައިވާގޮތަށް ސިއްހީ ހިދުމަތްދޭ ފަރާތަކުން އަމަލުނުކޮށްފި ނަމަ އެއީ ޖިނާއީ ކުށަކަށް ވާނެކަމަށް ވަނީ ބުނެފަ އެވެ. އަދި އެފަދަ ފަރާތެއް އެއް މަހާއި ތިން މަސް ދުވަހުގެ މުއްދަތަށް ޖަލަށް ލެވޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

ރޭޕްގެ މައްސަލައެއް ނުވަތަ ޖިންސީ ކުށުގެ މައްސަލައެއް ބެލުމުގައި ފުލުހުން އިހުމާލުވެއްޖެނަމަ ނުވަތަ ޖިންސީ ކުށުގެ ގާނޫނުގައި ބުނާގޮތަށް މައްސަލަ ނުބަލާކަމަށް ތުހުމަތު ކުރެވޭ ނަމަ 24 ގަޑިއިރު ތެރޭގައި އެކަން ފުލުހުންގެ މައްސަލަތައް ބަލާ މިނިވަން އިދާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބުނެފަ އެވެ. އަދި އެ އިދާރާއަކުން ތިން މަސް ދުވަހުގެ ތެރޭގައި މައްސަލަ ބަލާ ނިންމަން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.