03 Jan 2012, 12:16
ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫގައި ހައްޔަރުކުރި ދެ ކުއްޖަކު ގޮޅިން ނެރެ، ތަޅައި އަނިޔާ ކުރި މައްސަލައިގައި ފުލުހަކު ހަތަރު ހާސް ރުފިޔާއިން ޖޫރިމަނާ ކުރަން ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި އެވެ.
ދޫނިދޫގައި މި ހާދިސާ ހިނގާފައި ވަނީ ޖެނުއަރީ 30. 2009 ގަ އެވެ.
ހައިކޯޓުން އެ ހުކުމް ބާތިލު ކޮށްފައިވަނީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ތިބި ދެ ކުއްޖަކަށް އަނިޔާކޮށްފައިވާކަމަށް ބުނެ ފުލުސް މީހާ، ރ. އަލިފުށީ، ނިޝާން، އާދަމް އަޒްމީގެ މައްޗަށް ކުރި ދައުވާއެއްގައި ޢައިރު ގާނޫނީ އެއްވުމަކުން އަމަން ނަގާލުމުގެ ކުށް ސާބިތުވެ 4000ރ. އިން ޖޫރިމަނާ ކުރުމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމް އޭނާ އިސްތިއުނާފް ކުރުމުން ހައިކޯޓުގައި މައްސަލަ ބެލުމަށްފަހު އިއްޔެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބުރާހިމް އާއި އައްބާސް ޝަރީފް އަދި އަލީ ސަމީރު ސޮއިކުރައްވައި އިއްޔެ އިއްވެވި ހުކުމްގައި ބުނަނީ އަޒުމީ އަކީ ދޫނިދޫ ކަސްޓޯޑިއަލްގެ އަމަން އަމާންކަން ގާއިމްކުރުމުގެ މަސްއޫލިއްޔަތު ހަވާލުވެހުރި ފަރާތަކަށްވާތީ އެ ދެ ކުދިން ޖަލުގެ ގޮޅިން ނެރެފައިވަނީ އެވަގުތު ދޫނިދޫ ކަސްޓޯޑީއަލް ބަލަހައްޓަން ހުރި ފުލުހުންގެ އޮފިސަރުގެ އަމުރަށް ކަމަށެވެ.
ޖަލުން ނެރެފައިވާ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ ފައި ހުރަސްކޮށް ބިޑި އެޅުވިކަމަށް ތަހުގީގުގައި އަޒުމީ ބުނި ނަމަވެސް އަޒުމީ އެކަން ކޮށްފައިވަނީ ގާނޫނާއި ޚިލާފަށްކަން ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ.