10:00


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މެންބަރުންގެ މެދުގައި އުފެދުނު ހިޔާލުތަފާތު ވުންތަކެއްގެ ސަބަބުން ފަސްކޮށްފި އެވެ.


މިއަދު އޮތް ރައްޔިތުންގެ ޖަލްސާ ފެއްޓެވުމަށް ފަހު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޕޮލިސް ކޮމިޝަނަރ އޮފް ޕޮލީސް އަހުމަދު ފަސީހު މަޖިލީހަށް ފޮނުއްވާފައިވާ ސިޓީ އިއްވަވާފަ އެވެ. އެސިޓީގައި ޕޮލިސް ކޮމިޝަނަރ ވިދާޅުވެފައިވަނީ ޤައުމުގެ ހާލަތު މިހާރު އޮތް ގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިނލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހިމާއި މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުކޮށްދެއްވެން ނެތް ކަމަށެވެ. މަޖިލީހުގެ ރިޔާސަތުން އެސިޓީ އިއްވެވުމާ ގުޅިގެން މަޖިލީހުގެ ތެރޭގައި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި އަޑުގަދަވެގެން ދިޔަ އެވެ.


މިކަމާ ގުޅިގެން ރިޔާސަތުން ވަނީ ޖަލްސާ ކުރިއަށް ނުގެންދެވިގެން ޖަލްސާ ނިންމާލައްވާފަ އެވެ. އަދި ޖަލްސާ ދެން އޮންނާނެ ދުވަހެއް ފަހުން އިޢުލާން ކުރައްވާނެ ކަމަށްވެސް ރިޔާސަތުން ވަނީ އިޢުލާން ކުރައްވާފަ އެވެ.