02 Jul 2020, 16:28
ރ. އަތޮޅުގައި ފުލުހުން މިދިޔަ މަހު ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ހަ މީހުންގެ ތެރެއިން އެެކަކު ކޯޓުން ދޫކޮށްލައިފި އެވެ.
ރ. އަތޮޅުގެ ބައެއް ރައްތަކުގައި މިދިޔަ މަހު 23 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަންއަކީ، އެ އަތޮޅު ފަޅު ރަށެއްގައި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، ވައްކަން ކުރުމާއި މުދަލަށް ގެއްލުން ދިނުމުގެ ކަންކަން ރާވައި، ކުށް ކުރަމުން އަންނާތީ ހިންހި އޮޕަރޭޝަންނެވެ.
ހައްޔަރު ކުރި ހަ މީހުންގެ ބަންދަށް ހަތް ދުވަސް ކޯޓުން މީގެ ކުރިން ވަނީ ޖަހާފައެވެ. ފުލުހުން މިއަދު ބުނީ، ހަތް ދުވަށް ހަމަވުމުން އިއްޔެ ކޯޓަށ ގެންދިޔުމުން އެމީހުންގެ ތެރެއިން އެކަކު ފިޔަވާ އެންމެންގެ ބަންދުގެ މުއްދަތުވެސް އިތުރުކޮށްފައިވާ ކަމަށެވެ.
ބަންދުން ދޫކޮށްލާފައިވަނީ އުމުރުން 28 އަހަރުގެ މީހާއެވެ. ފުލުހުން ބުނީ، ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާއެކުއެވެ.
ބަކީ ތިބި މީހުންގެ ބަންދަށް ޖަހާފައިވަނީ އަށް ދުވަހެވެ. އެމީހުންގެ ތެރޭގައި ހިމެނެނީ، 23 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މިހެއް އަދި 36 އަހަރު މީހެކެވެ. އެ އެންމެންނަކީވެސް ދިވެހިން ފިރިހެނުންނެވެ.
މީގެ ތެރެރިން ބައެއް މީހުން ހައްޔަރުކޮށްފައި ވަނީ، ރ. އުނގޫފާރުންނެވެ. އަދި އެމީހުންނާ ގުޅުންހުރި މަޑުއްވަރީގެ ތިން ތަނަކާއި އެމީހުން ދިރިއުޅުނު ރ. އަތޮޅުގެ ފަޅުރަށެއްވެސް ފާސްކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި އެ ތަންތަނުން މައްސަލައާ ގުޅުންހުރި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން އޭރު ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ފުލުހުންނާއި ސިފައިން ގުޅިގެން މަޑުއްވަރީގައި އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަންގައި ހަރުކަށި ފިކުރުގެ މީހުން އުޅޭ ކަމަށް ތުހުމަތު ކުރެވޭ ގެތައް ބަލައި ފާސްކޮށް ހަ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވިއެވެ.