ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ލިބުނު ކުޑަކުއްޖެއްގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް ކަނޑައަޅައި، އަމަން ނަގާލުމުގެ ކުށުގައި އެ ކުއްޖާ އަށް މަހަށް ޖަލަށްލާން ޖުވެނައިލް ކޯޓުން ހުކުމްކޮށްފި އެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށް ކުޑަ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލި ކުޑަކުއްޖެއްގެ މައްޗަށް އެ ކުށް ސާބިތު ނުވާކަމަށް ކަނޑައަޅައި، އަމަން ނަގާލުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ބަލައި އަށް މަހަށް ޖަލަށް ލުމަށް ހުކުމް ކުރީ މިދިޔަ މަހުގެ 19 ގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އަމަން ނަގާލުމުގެ ކުށް ސާބިތުވެ އަށް މަހަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް ކުޑަކުދިންކުރާ ކުށުގެ މައްސަލަތައް ބަލައި ތަހުގީގުކޮށް އިންސާފުކޮށް އަދަބު ދިނުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން ގާޒީއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން ޖަލު ހުކުމް ގޭބަންދަށް މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ކުއްޖާއަކީ ވަޒީފާ އަދާކުރަމުން އަންނަ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ގޭބަންދަށް ބަދަލު ކުރިއިރު އެކުއްޖާ ވަޒީފާ އަދާކުރާ އޮފީހާއި ޖުވެނައިލް ކޯޓާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، ޑީޕީއާރްއެސް އާއި ފުލުހުންނާއި މަޝްވަރާކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.