02 Jul 2020, 11:23
ކްރިމިނަލް ކޯޓުގެ ގާޒީ، ހަސަން ނަޖީބު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ނިންމައި، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ހަސަން ނަޖީބު ގާނޫނު އަސާސީއާއި، ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އަމަލުކޮށްފައިވާކަން ސާބިތުވާތީ އޭނާ މަގާމުން ވަކި ކުރަން މަޖިލީހަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ޖޭއެސްސީއިން ބަލަމުން ދިޔަ ހަސަން ނަޖީބުގެ ސުލޫކީ މައްސަލަތަކުގެ ތެރެއިން އޭނާގެ މައްޗަށް ސާބިތުވި ތިން މައްސަލައެއް ޖޭއެސްސީގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން ދެ މައްސަލައަކީ ސިޔާސީ ކަންކަމުގައި ބައިވެރިވި ކަމަށް ބުނާ ދެ މައްސަލަ އެވެ.
ޖޭއެސްސީގެ ބަޔާނުގައިވާ ގޮތުން 2017 ވަަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. އަތޮޅު ކައުންސިލުގެ ވިލިނގިލީ ދާއިރާއަށް ކުރިމަތިލި ކެންޑިޑޭޓަށް ތާއީދު ހޯއްދަވަން ހަސަން ނަޖީބު މަސައްކަތްޕުޅު ކުރެއްވި ކަމާއި، އެ ކެންޑިޑޭޓު ނިސްބަތްވި ސިޔާސީ ޕާޓީއަށް މީހަކު ސޮއި ކުރުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމާއި، އެ އިންތިހާބުގައި ވާދަ ކުރި އަނެއް ކެންޑިޑޭޓުގެ ކެންޑިޑެސީ ބާތިލު ކުރައްވަން އޭނާ މަސައްކަތް ކުރެއްވިކަން އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައި އެ ބައްދަލުވުމުގައި ހަސަން ނަޖީބު ވާހަކަފުޅު ދެއްކެވިކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީއިން ބުންޏެވެ.
ހަސަން ނަޖީބުގެ މައްޗަށް ސާބިތުވި ތިން ވަނަ ކަމަކީ ގއ. ވިލިނގިލީ މެޖިސްޓްރޭޓު ކޯޓުގައި އެއްވެސް ތަހުގީގީ އިދާރާއަކުން ނޭދެނީސް، ދެ މީހަކު ހައްޔަރު ކުރުމަށް އޭނާ އަމިއްލަފުޅަށް އަމުރެއް ނެރުނު ކަމެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައެޅިފައިވާ އަސާސްތަކާ ކަނޑައެޅިގެން ހިލާފަށް ކޮށްފައިވާ ކަމެއް ކަމެއްގެ ގޮތުގައި ޖޭއެސްސީއިން ބުނެފައިވެ އެވެ.
ޖޭއެސްސީއަށް ދެއްވި މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން ސާބިތުވުމުން ހަސަން ނަޖީބަށް މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑް ކުރުމަށްއޭޕްރިލް 15 ވަނަ ދުވަހުޖޭއެސްސީއިން ނިންމާފައިވެ އެވެ. އޭނާ އަދިވެސް ހުންނެވި އެ ސަސްޕެންޝަނުގައެވެ. އޭގެ ކުރިންވެސް ޖޭއެސްސީއިން ދިޔައީ އޭނާގެ ގިނަ އަދަދެއްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންނެވެ.
އިއްޔެ ޖޭއެސްސީއިން ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަހުމަދު މުއާވިޔަތު ގާސިމްއަށް ނަސޭހަތްދީ ތަމްރީނެއް ފުރިހަމަ ކުރަން އަންގަންވެސް ނިންމައިފަ އެވެ. އެއީ އެ ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާ ވާހަކަ ދައްކައި މެޖިސްޓްރޭޓު މައްސަލަ ހުށަހެޅި ފަރާތަކަށް މައުލޫމާތުތަކެއް ފޯރުކޮށްދިންކަން ސާބިތުވުމުންނެވެ.