ކުރީގެ ދެ ވަޒީރުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރާއި އުސްތާޒު ހުސްނުއް ސުއޫދުގެ ބައްޕާފުޅު ސ. މީދޫ ހަސަންކާރީގޭ އިބްރާހިމް ހަލީމް (ފޮޓޯ) އަވަހާރަވެއްޖެ އެވެ. އިސްދޫ ދަރިކޮޅުގެ ސުލްޠާން ޢަލީ ހަތެއްގެ ދަރިކަލުން ސުލްޠާން ޙަސަން ދިހައެއްގެެ ދަރިކަލުން އިބްރާހީމް މަނިކުފާނުގެ ހުސައިން މަނިކުފާނުގެ މީދޫރަހާގެ އިބްރާހީމް މަނިކުފާނުގެ ދޮންދީދީގެ މަރްޔަމްދީދީގެ ތުއްތުދޮންދީދީގެ އިބްރާހީމް ޙަލީމް އަވަހާރަވީ ރޭ މެންދަމު އައިޖީއެމްއެޗްގަ އެވެ. އަވަހާރަވީ އުމުރުފުޅުން 91 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެނެވެ. ދަރިކަލުން ހުސްނުއް ސުއޫދު ވިދާޅުވީ ބައްޕަ އާލާސްކަންފުޅާ އުޅުއްވާތާ ތިން މަހެއްހާ ދުވަސް ވެއްޖެ ކަމަށާއި ރޭ މެންދަމު 1:50 ގައި އަވަހާރަވީ ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހުމަށް ފަހު ކަމަށެވެ. "ބައްޕަ އުޅުއްވީ ބަލިވެ، އެހެން ނަމަވެސް ދާދިފަހުން ރާއްޖޭން ބޭރުގައި ފަރުވާ ހޯދުމަށް ފަހު އާދައިގެ ހާލަތެއްގައި ދިރިއުޅުއްވެވީ، އެކަމަކު ލަންގްސްގައި ފެން ހެދި މައްސަލަތައް ދިމާވުމަށް ފަހު ކުއްލިއަކަށް ހާޓްއެޓޭކެއް އައިސްފަ އަވަހާރަވީ،" ސުއޫދު ވިދާޅުވި އެވެ. ސުއޫދު ވިދާޅުވީ ބައްޕަގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި ކަމަށާއި މިވަގުތު ބައްޕަ ބާއްވާފައި އޮންނެވީ ޑރ. މުނައްވަރު ދިރިއުޅުއްވާ ގ. ހަސަންކާރިގޭގައި ކަމަށެވެ. އިބްރާހިމް ހަލީމަކީ އާއިލާގެ އެހެން މީހުންނާ ތަފާތު ދާއިރާއަކުން ކުރިޔަށް ވަޑައިގެންނެވި ބޭފުޅެކެވެ. އޭނާގެ ޒުވާން ދުވަސްވަރު އުޅުއްވެވީ މަސްވެރިކަމުގެ ތެރޭގަ އެވެ. އޭގެ ފަހުން އައްޑު އަތޮޅުގައި އިނގިރޭސީން އަސްކަރީ މަރުކަޒެއް ގާއިމް ކުރުމުން އިލެކްޓްރިކަލް މަސައްކަތްތަކުގެ ދާއިރާއިން ކުރިޔަށް ވަޑައިގެން ރާއްޖޭގެ ވަރަށް ގިނަ ރިސޯޓްތަކުގައި އިލެކްޓްރީޝަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވެވި އެވެ. ހަލީމް އަވަހާރަވީ މަސައްކަތް ހުއްޓާލެއްވުމަށް ފަހު މާލޭގައި ދިރިއުޅުއްވާތާ 12 ވަރަކަށް އަހަރު ފަހުންނެވެ. މިދިއަ 12 ވަރަކަށް އަހަރުގެ ތެރޭ ގިނަ ވަގުތު ހޭދަ ކުރައްވާފައި ވަނީ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތުގެ ތެރޭގަ ގުރުއާން ކިޔެވުމުގަ އެވެ. އެ މިސްކިތް ތަޅައިލުމުން ފުލެޓްތެރޭގައި ހަދާފައިވާ ވަގުތީ މިސްކިތުގަ އެވެ. އިބްރާހިމް ހަލީމަށް ފަސް ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ. އޭގެ ތެރެއިން ޑރ. މުނައްވަރާއި ހުސްނުއް ސުއޫދު ވަނީ ރާއްޖޭގެ ބަންޑާރަ ނައިބުކަން ކުރައްވާފަ އެވެ. ޑރ. އަހުމަދު އަންވަރާއި ޑރ. އަބްދުﷲ ޒަމީރަކީ ރާއްޖޭގެ ތައުލީމީ ދާއިރާގައި އެފަދަ ދެވަނައެއް ނުވާފަދަ ނަންތަކެވެ. ދެން ތިއްބެވި ބޭފުޅުންާއި ކާފަ ދަރިންނަކީ ވެސް ރާއްޖޭގެ ތައުލީމީ އަދި ގާނޫނީ ދާއިރާގައި އަގުހުރި ހިދުމަތްތައް ކުރެއްވުމުގައި މިވަގުތު ވެސް ދެމި ތިއްބެވި ބޭފުޅުންނެވެ. އިބްރާހިމް ހަލީމްގެ ބައްޕައަކީ އެފްރިކާއަށް ބެހުނު މަޝްހޫރު ކަޅިހާރި އޮޑީގައި ހުންނެވި އަލިދީދީ އެވެ.