03 Jan 2012, 10:35
އެއްލައްކަ ޑޮލަރު (ދޮޅު މިލިއަނެއްހާ ރުފިޔާ) ހަރަދުކޮށް ފަރުމާކުރި ޓޫރިޒަމްގެ އާ ލޯގޯ އާއި ޝިއާރު މިހާރު ވެސް ބޭނުން ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު މަރިޔަމް ޒުލްފާ މިއަދު ވިދާޅުވެއްޖެ އެވެ.
ސަން އިން ދެއްނެވި ސުވާލެއްގެ ޖަވާބުގައި ޒުލްފާ ވިދާޅުވީ "އަން އޮފިޝަލީ" (ނުރަސްމީކޮށް) އެ ލޯގޯ އާއި ޝިއާރު ބޭނުން ކުރަން ފަށާފައިވާ ކަމަށާއި ބައެއް ނޫސް މަޖައްލާ ތަކާއި ބައެއް އެހެންވެސް ތަންތަނުގައި އެ ލޯގޯ އާއި ޝިއާރު މިހާރު ވެސް ޕްރޮމޯޓް ކުރަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް މި އަންނަނީ އެ ލޯގޯ އަން އޮފިޝަލީ ބޭނުން ކުރަމުން. އެކަމަކު ބޭރުގެ އެކި ތަންތާގައި އެ ލޯގޯ ބޭނުން ކުރެވޭނީ ރައީސް އޮފިޝަލީ އެ ލޯގޯ ލޯންޗް ކުރެއްވުމުން. އެކަން މާޗް މަހުތެރޭ އޮންނާނެ،" ޒުލްފާ ވިދާޅުވި އެވެ.
"އޯލް ވެސް ނެޗްރަލް"ގެ ނަމުގައި ރާއްޖެ ރިބްރޭންޑް ކުރާނީ އަންނަ މާޗް މަހު 7 އިން 11 އަށް ބާލިންގައި ބާއްވާ އައިޓީބީ ފެއާގަ އެވެ.
ދިވެހި ފެންނުވެރިންގެ ފާޑު ކިޔުންތައް އަމާޒުވި އައު ލޯގޯ އާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެ ލޯގޯ އާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރީ އެ ލޯގޯ ފަރުމާ ކުރުމުގައި ދިވެހި ފަންނުވެރިން ބައިވެރި ނުކުރެވުމުން ކަމަށާއި ބޭރުގެ ކުންފުންޏަކަށް ދީ ލޯގޯ ފަރުމާ ކުރަން ޖެހުނީ ރަނގަޅު ލޯގޯއެއް ނުލިބިގެން ކަމަށެވެ.
"އަޅުގަނޑުމެން އެގްޒިބިޝަނެއް ވެސް ބޭއްވިން. އެކަމަކު ރަނގަޅު އެއްޗެއް ނުލިބުނު،" ޒުލްފާ ވިދާޅުވި އެވެ.
އައު ލޯގޯ އާއި ޝިއާރު ފަރުމާ ކުރީ އިނގިރޭސި ވިލާތުގެ ކުންފުންޏަކުންނެވެ. އެ ލޯގޯ އަކީ ދުނިޔޭގެ ތިމާވެށީގެ ދިރުންތައް ހިމާޔަތް ކުރާ ޖަމިއްޔާތަކުގެ ލޯގޯތަކާ ވައްތަރު ލޯގޯއެއް ކަމަށް ބައެއް ފަރާރްތަކުން ބުނެ އެވެ.