03 Jan 2012, 10:30
އަލަށް ފާސްކޮށް ތަސްދީގު ކުރި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގެ ދަށުން އުފެދިފައިވާ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައީސް އޮފީހުގައި އެދެފި އެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރު އަހުމަދު މާޖިދު މިއަދު ވިދާޅުވީ ޑްރަގް ކޯޓު އުފެއްދުމަށްޓަކައި، ފަނޑިޔާރުންނާއި މުވައްޒަފުންނަށް މަސައްކަތް ކުރެވޭވަރުގެ ޖާގަހުރި އިމާރާތެއް ހޯދަން އިއްޔެ ރައީސް އޮފީހުގައި ދަންނަވާފައިވާނެ ކަމަށެވެ.
"ޑްރަގް ކޯޓެއް އުފެދިފަ މިއޮތީ މަސްތުވާތަކެއްޗާއި ބެހޭ ގާނުނުގެ ދަށުން. މިދިޔަ މަހުގެ 31 ވަނަ ދުވަހު ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑްރަގް ކޯޓު އުފެދިފަ މިއޮތީ. އަޅުގަނޑުމެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވާނީ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ހޯދަން ރައީސް އޮފީހުގައި އިއްޔެ ދަންނަވާފައި،" މާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑްރަގު ކޯޓު ހިންގުމަށްޓަކައި ފަސް ފަނޑިޔާރުންނާއި 30 ވަރަކަށް މުވައްޒަފުން ބޭނުންވާ ކަމަށާއި އިމާރާތެއް ލިބުނުހާ އަވަހަކަށް ކޯޓަށް މުވައްޒަފުން ލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުންގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން މިއަދު ވިދާޅުވީ ޑްރަގް ކޯޓަށް އައްޔަން ކުރަންޖެހޭ ފަސް ފަނޑިޔާރުން ހޯދުމަށްޓަކައި ވަރަށް އަވަހަށް ކޮމިޝަނުން އިއުލާން ކުރާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޑްރަގް ކޯޓު ހިންގުމަށްޓަކައި ދެ އިމާރާތެއް މިހާރު ބަލަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ ޑްރަގް ކޯޓު ހިންގާނެ އިމާރާތެއް ކަނޑައަޅައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ހަވާލު ކުރައްވާނެ ކަމަށެވެ.