މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ރަސްމީ ރިޒާވަށް ހަތަރު ޕަސެންޓުގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބުނެފި އެވެ.

އެމްއެމްއޭއިން ނެރުނު ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ބުނާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 741.4 މިލިއަން ޑޮލަރެވެ.

މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ހަތަރު ޕަސެންޓު (34.8 މިލިއަން ޑޮލަރު) އަދި މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު ދެ ޕަސެންޓު (11.6 މިލިއަން ޑޮލަރު) ދަށް އަދަދެކެވެ.

އެމްއެމްއޭއިން ބުނީ ރިޒާވަށް ހީނަރުކަމެއް އަންނަން މެދުވެރިވި މައިގަނޑު ސަބަބަކީ ކޮމާޝަލް ބޭންކުތަކުގައި ހުރި ބޭރު ފައިސާގެ އަދަދު ދަށްވުމުން ކަމަށެވެ.

ފުރަތަމަ ކުއާޓަރުގައި މަހުން މަހަށް ބަލާއިރު ވެސް ރިޒާވް ދިޔައީ ދަށްވަމުންނެވެ. އެގޮތުން ޖެނުއަރީ މަސް ނިމުނުއިރު ރިޒާވްގައި 776.6 މިލިއަން ޑޮލަރު ހުރިއިރު، ފެބްރުއަރީ މަހުގެ ނިޔަލަށް އައިއިރު އެ އަދަދު ވަނީ 757 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ.

ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ އާމްދަނީއާއި ހަރަދަށް ބަލާއިރު، އެހީތައް ނުލައި ދައުލަތަށް 5.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ 2019ގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު 705.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

އާމްދަނީ ދަށްވި ސަބަބުތައް ކަމަށް އެމްއެމްއޭއިން ބުނީ ކޮވިޑް19 ޕެންޑެމިކްއާ ގުޅިގެން އިގްތިސާދަށް އައި ހީނަރުކަމާއި ޓެކްސް އަދި ނޮން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވުމެވެ.

އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހުން ލިބުނު އާމްދަނީ ވަނީ 258.5 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އަދި ޓެކްސް ނޫން ގޮތްގޮތަށް ލިބުނު އާމްދަނީއަށް ވެސް 471.8 މިލިއަން ރުފިޔާގެ ހީނަރުކަމެއް އައިސްފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.