01 Jul 2020, 16:28
މާލެ ސަރަަހައްދު ފުރަބަންދުކޮށްގެން މި އުޅެނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19އާ ގުޅިގެން ނޫން ކަމަށާއި އެއީ ރައްޔިތުންގެ ދެކެ ބިރުން ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ އިސްތިއުނާފް ޝަރީއަތް ހުއްޓިފައި އޮތުމުން ހައިކޯޓަށް ވަޑައިގަތުމަށްފަހު ނިކުމެވަޑައިގަތް އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރު މިހާރު ވަނީ ފެއިލްވެފައި ކަމަށާއި ރައްޔިތުން މިހާރު ބޭނުންވަނީ ރައީސް ޔާމީން އަލުން އަނބުރާ ވެރިކަމަށް ގެންނަން ކަމަށެވެ.
"އެހެންވީމަ ރައްޔިތުން ނިކުމެ ރައީސް ޔާމީންގެ ހިދުމަތައް އާދޭސް ދަންނަވާ ނުވަތަ އެކަމަށް އަޑު އުފުލާ ހިސާބަށް ދާނެކަން މި މީހުނަށް އެބަ އެނގޭ. އެއްގޮތަކަށް ވެސް މި އުޅެނީ ކޮރޯނާއަކާއި ގުޅިގެނެއް ނޫން މިހާރު މާލެ ލޮކްޑައުން ކޮށްގެން މިއުޅެނީކީއެއް. ބިރުން. މި ސަރުކާރު ފެއިލްވެއްޖެކަން ރައްޔިތުން ގަބޫލުކޮށްގެން ރައްޔިތުން ނިކުމެ އިންސާފު ހޯދަން ނިކުމެދާނެތީ ބިރުން ލޮކްޑައުންގެ މުއްދަތު 14 ދުވަހުން 14 ދުވަހަށް ޖަހަމުން މި ގެންދަނީ. މި އެއްވެސް ހާލެއްގައި ކޮރޯނާއާ ގުޅިގެން ހިނގާ ކަމެއް ނޫން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކޮވިޑާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުންކޮށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން އަންނަކަމުގެ ތުހުމަތު އަބްދުއްރަހީމް ވަނީ ކުރައްވާފަ އެވެ. އަދި އެކަންތައްތަކާއި ގުޅޭ ގޮތުން އެންމެ ވަރުގަދައަށް އަޑު އުފުއްލަވަން ހުންނެވީ ރައީސް ޔާމީން ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން އޮންނަން ޖެހިވަޑައިގެންފައިވަނީ ޖަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މި އޮތީ ހަގީގީ މި ރާއްޖެއަށް ތައާރަފްވެފައި،" 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ފުނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ނިމެގެން ދިޔަ ވެރިކަމުގައި ރައީސް ކަމުގައި ހުންނެވި އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނަނީ ތަންފީޒު ކުރައްވަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށެވެ. އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއްވެސް މި ފަހުން ވަނީ އުފުލާފަ އެވެ.