ދުއްވާފައި ދިޔަ ކާރެއް ކުއްލިއަކަށް ފަހަތަށް ޖެހުމުން ޕާކްކޮށްފައި ހުރި ސައިކަލްތަކުގެ ތެރެއަށް ކާރު ވަދެ ސައިކަލްތަކަކާއި ޕިކަޕެއްގެ އިތުރުން ފިހާރައަކަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ.

ޖަނަވަރީ މަގުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު 8:45 އެހާކަންހާއިރު އެވެ. ނުރައްކާތެރި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

ނުރައްކާތެރި އެކްސިޑެންޓްވި ކާރު، ޖަނަވަރީ މަގުން ދުއްވާފައި ދަމުން ކުއްލިއަކަށް ފަހަތަށް ޖެހުމާއެކު އެ މަގުގެ ޕާކިން ޒޯންގައި ހުރި ސައިކަލްތަކުގެ ތެރެއަށް ވަދެ ތިން ސައިކަލެއްގެ މައްޗަށް ކާރު އަރައިފައި ވެއެވެ. ހާދިސާގައި ތިން ސައިކަލަށް ވެސް ބޮޑެތި ގެއްލުން ލިބިފައިވާއިރު އެކްސިޑެންޓްވި ކާރުގެ ދެކޮޅަށް ވެސް ބޮޑެތި ގެއްލުން ލިބި ޕިކަޕެއް ވެސް ވަނީ ހަލާކު ވެފަ އެވެ.

ހެނދުނުގެ ހާދިސާގައި ސައިކަލްތަކުގެ ތެރެއަށް ކާރު ވަންލެއް ބާރު ކަމުން އެއް ސައިކަލް ވިއްސައިގެން ގޮސް އެ މަގުގައި ހުރި ފިހާރައެއްގެ ބިއްލޫރި ގަނޑުގައިޖެހި އެ ފިހާރައިގެ ބިއްލޫރިގަނޑު ވެސް ތަޅައިގެން ގޮސްފައި ވެއެވެ.

މަންޒަރު ދުށް މީހުން ބުނީ ޒޯންގައި ހުރި ސައިކަލްތަކަށާއި ޕިކަޕްގައި ކާރު ޖެހިފައި ވަނީ 10 ވަރަކަށް ފޫޓު ދުރުން ވަރަށް ބާރަށް ފަހަތަށް ޖެހުމުން ކޮންޓްރޯލް ނުވެގެން ގޮސް ކަމަށެވެ.

އެތަނުގައި ހުރި އެހެން މީހަކު ބުނީ ރޭސް ޖަހާ ވައްތަރުގެ ސްޕޯޓްސް ކާރު އެ މަގުން ދުއްވާފައި ދަމުން ފަހަތަށް ޖެހުމާއެކު ބާރު ސްޕީޑްގައި ޕާކިން ޒޯންގައި ހުރި ސައިކަލް ތަކުގެ ތެރެއަށް ވަނީ ކަމަށާއި ހަމަ އެވަގުތު ކާރު ކުއްލިއަކަށް ކުރިޔަށް ވެސް ވަރަށް ބާރަށް ދުއްވައިގަތް ކަމަށެވެ. ކާރު ކޮންޓްރޯލްވީ ޒޯންގައި އޮތް ޕިކަޕެއްގައި ޖެހުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

އެކްސިޑެންޓަށް ފަހު ފުލުހުން އެ ސަރަހައްދަށް ގޮސް ހާދިސާ ތަހުގީގުކުރަން ވަނީ ފަށައިފަ އެވެ.