01 Jul 2020, 18:01
އިސްލާމް އާބާދު (ޖުލައި 01): ކަރާޗީ ގައި ހުންނަ ޕާކިސްތާނުގެ ހިއްސާގެ ބާޒާރުގެ އިމާރާތަށް މިދިޔަ އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައިވަނީ އިންޑިއާ ކަމަށް ޕާކިސްތާނުން ތުހުމަތު ކޮށްފިއެވެ.
ޕާކިސްތާނުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ބޮޑުވަޒީރު އިމްރާންޚާން ވިދާޅުވީ ކަރާޗީގައި ހުންނަ ޕާކިސްތާނުގެ ހިއްސާގެ ބާޒާރު (ޕީއެސްއެކްސް) ގެ އިމާރާތަށް ހަމަލާ ދިން ޓެރަރިސްޓުންގެ ފަހަތުގައިވަނީ އިންޑިއާކަން މިހާތަނަށް ކުރި ތަހްގީގުތަކުން ޝައްކެތް ނެތްމިންވަރަށް އެނގިފައިވާ ކަމުގައެވެ. ނަމަވެސް މި ކަމާބެހޭ އެއްވެސް ހެއްކެތް ޕާކިސްތާނުގެ އަމަނާބެހޭ ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
ކަރާޗީގެ ހަމަލާގައި ހަތް މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ އެ ހަމަލާދިނުމުގައި ބައިވެރިވި ހަތަރު މީހުންގެ އިތުރުން ފުލުހަކާއި އާއްމުންގެ ދެ މީހުންނެވެ. ހަމަލާދިން ހަތަރު މީހުން މަރާލާފައިވަނީ ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުންނެވެ. އެ ހަމަލާގެ ޒިންމާ އުފުލާފައިވަނީ ޕާކިސްތާނުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ހަތިޔާރުއެޅި ޖަމާއަތެއްކަމަށްވާ "ބަލޮޗް ލިބަރޭޝަން އާމީ" ންނެވެ.
ޕާކިސްތާނުގެ އެކި ތަންތަނުގައި ބޮންގޮއްވައި ޓެރަރިސްޓް ހަމަލާތައް ދެމުން ގެންދާ އެޖަމާއަތަކީ ޕާކިސްތާނު ބައިބައިކޮށް ބަލޫޗިސްތާން ސަރަހައްދުގައި އަމިއްލަ ދައުލަތެއް ގާއިމް ކުރަން މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތެކެވެ. އެޖަމާއަތުގެ ހަނގުރާމަވެރިން ނަށް ހަތިޔާރު ފޯރުކޮށްދީ ތަމްރީން ދޭކަމުގެ ތުހުމަތު ޕާކިސްތާނުން ކުރަނީ އިސްރާއީލަށާއި އިންޑިއާގެ މައްޗަށެވެ.
ބަލޮޗް ސަރަހައްދުގެ މީހުންނަކީ ޕާކިސްތާނުގައި އޮންނަ ބައިމަދު ވަކި ނަސްލެކެވެ. ބަލޮޗް ހަނގުރާމަވެރިންނަކީ ބާރުގެ ބޭނުންކޮށްގެން އެސަރަހައްދު ޕާކިސްތާނުން ވަކިކޮށް އަމިއްލަ ވެރިކަމެއް އުފެއްދުމަށް މަސައްކަތްކުރާ ބައެކެވެ. ޕާކިސްތާނުގެ ބާޒާރުތަކާއި އާންމުން ދަތުރުކުރާ ބަސްފަދަ ތަންތަނުގައި ބޮން ގޮއްވައި މީހުން މެރުމަކީ އެޖަމާއަތުން ތަކުރާރުކޮށް ކުރަމުން ގެންދާ ކަންކަމެވެ.
ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮންނަ ހަތުރުވެރިކަމުގެ ސަބަބުން އެއްގައުމު އަނެއް ގައުމުގެ މައްޗަށް ޓެރަރިޒަމަށް ވާގިވެރިވާ ކަމުގެ ތުހުމަތުތައް ކުރަމުން ގެންދެއެވެ. އިންޑިއާއަށް ދޭ ޓެރަރިސްޓް ޙަމަލާތަކުގެ ޒިންމާ އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި އަޅުވާއިރު ޕާކިސްތާނުގައި ހިންގާ ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކުގެ ފަހަތުގައިވާ ކަމުގެ ތުހުމަތު ޕާކިސްތާނުންވެސް އިންޑިއާގެ ބޮލުގައި އަޅުވައެވެ.
ޕާކިސްތާނުގެ ބައެއް ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާ ކަމުގެ ތުހުމަތު ޕާކިސްތާނުން އިންޑިއާގެ މައްޗަށް ކުރާއިރު އިންޑިއާއަށް ޙަމަލާތައްދޭ ކަޝްމީރުގެ ހަނގުރާމަވެރި ޖަމާއަތަތްކަށް އެހީތެރިވާ ކަމުގެ ތުހުމަތު އިންޑިއާއިން އަޅުވަނީ ޕާކިސްތާނުގެ ބޮލުގައެވެ.
އިންޑިއާއިންވަނީ ކަރާޗީގައި ހުންނަ ޕާކިސްތާނުގެ ހިއްސާގެ ބާޒާރަށް އާދީއްތަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއާ އެގައުމާ އެއްވެސް ގުޅުމެއް ނެތްކަމަށް ބުނެ އެކަމަށް އިންކާރުކޮށްފައެވެ. އިމްރާން ޚާން އެ ހަމަލާގެ ތުހުމަތު އިންޑިއާގެ މައްޗަށް ކުރެއްވުމުގެ ކުރިންވެސް އިންޑިއާ ސަރުކާރުންވަނީ އެ ހަމަލާއަށް އިންކާރުކޮށްފައެވެ. (ނޫސްއެޖެންސީތައް)