މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިސްތިއުނާފް ލަސްވަމުންދާތީ އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ހައި ކޯޓަށް މިއަދު ވަޑައިގަތް ނަމަވެސް ރެޖިސްޓްރާއާ ބައްދަލުނުވެ ހުސްއަތާ ނިކުންނަން ޖެހިފައިވާ ކަމަށް ބުނެފި އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އިން ޖޫރިމަނާކޮށް ކްރިމިނަލް ކޯޓުން ކުރީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ. އެ ހުކުމް އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު ބައެއް އަޑުއެހުންތައް ވަނީ ބާއްވާފަ އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުންކުރި ފަހުން އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުމެއް ބާއްވާފައެއް ނުވެ އެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ވަނީ ހައި ކޯޓުގެ ރެޖިސްޓާރ ބައްދަލުކުރުމަށް ކަމަށް ބުނެ އެ ކޯޓަށް ގޮސްފަ އެވެ. ގަޑިއެއްހާއިރަށް ފަހު ބޭރަށް ނިކުމެވަޑައިގަތް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ހައިކޯޓަށް ވައިޑައިގަތުމުން ޖަވާބެއް ލިބުނީ ބައިގަނޑިއިރު ފަހުން ކަމަށެވެ.

އިދިކޮޅުން ހައިކޯޓުގެ ރެޖިސްޓަރއާ ބައްދަލު ކުރެއްވުމަށް އެ ކޯޓަށް މިއަދު ހެނދުނު ވަޑައިގަތުމަށް ފަހު ނިކުމެވަޑައިގަތް މީޑިއާއާ ބައްދަލު ކުރައްވަނީ --- ފޮޓޯ: ޕީޕީއެމް

"އައިސްގެން އަޅުގަނޑުމެންނާ ރެޖިސްޓަރ އަކާއި ބައްދަލެއް ނުވި. ވިދާޅުވީ ހައިކޯޓުގައި އަމަލު ކުރާ ގޮތުން ހަސްމާއޭ ބައްދަލު ކުރެވޭނީ ނޫނީ ދެން އޮންނަ އިޖުރާއަތެއްގެ ދަށުން ވަކީލުންނާ ބައްދަލުކުރެވިދާނެ އޭ. އެ ވެސް އަދި މިތަނަށް ސިޓީލީމަ ތިމަންނަ މެން އެ ގެންގުޅޭ އިޖުރާއަތެއްގެ ތެރެއިން އެކަން ވާން އޮތިއްޔާ އޭ. މިކަހަލަ މޭރުމަކުން ވާހަކަފުޅު ދެއްކެވީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން އަކީ އާންމު އާދައިގެ ރައްޔިތެއް ނޫން ކަން އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެއީ އިދިކޮޅު ލީޑަރު ކަމަށެވެ. އެހެން ކަމުން އެމަނިކުފާނަށް އިންސާފު ނުލިބި ލަސްވަމުން ދާތީ އެކަން ވަމުންދާ ގޮތް ސާފު ކުރުމަކީ އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރަޖިސްޓަރ ބައްދަލު ކުރެއްވުމަށް އިދިކޮޅުން ފޮނުވާފައިވާ ސިޓީއަށް ހައި ކޯޓުން ދީފައިވާ ޖަވާބުގައި ބުނެފައިވަނީ، މައްސަލައިގެ ހަސްމެއް ކަމުގައި ނުހިމެނޭ ފަރާތަކާއި ބައްދަލުކޮށް މައުލޫމާތު ހިއްސާ ކުރުމަކީ އެ ކޯޓުން އަމުލުކުރަމުންދާ އުސޫލަކަށް ނުވާތީ އެދިވަޑައިގެންފައިވާ ގޮތުގެ މަތިން އަމަލުކުރެވެން ނެތް ކަމަށް އެ ކޯޓުގެ އިސްފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ހައިކޯޓުގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މާޗް ފަސް ވަނަ ދުވަހުއެވެ. އެ ދުވަހު އިއުލާނު ކުރީ ދެން އޮންނަ އަޑުއެހުން އޮންނާނީ މާޗް 22ގައި ކަމަށެވެ. ނަމަވެސް، އޭގެ ކުރިން ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އޮފީސްތައް ބަންދު ކުރުމާ ގުޅިގެން އެ އަޑުއެހުމެއް ނުބާއްވައެވެ.

ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައި ވަނީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށެވެ. އެ މައްސަލައިގައި ފަސް އަހަރުގެ ހުކުމެއްކޮށްފައިވާއިރު، އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ އިތުރު ދައުވާއެއްވެސް މި ފަހުން އުފުލާވައިފައެވެ.